އައްޑޫސިޓީން އިނގިރޭސީން ފައިބައިގެން ދިޔައިރު އެތަނުގައި އޮތް ބިނާ މައްޗަށް ތެދުނިޔަތަކާއެކު އެސިޓީ ބިނާކުރިނަމަ، އެސިޓީ ބިނާކުރަން ސަރުކާރުން މިހާރުކުރަމުންދާ މަސައްކަތް ކުރަން ނުޖެހުނީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

"އޭރު އައްޑޫގައި އޮތް މަދަނިއްޔަތުގެ ފައިދާ، އެންމެ އުތުރުން ތުރާކުނުގެ ބޮލިހުރާކޮޅާ ހަމަޔަށް ފޯރި. ނަމަވެސް، ކުރިއަރާފައި އޮތް އައްޑޫއިން އިނގިރޭސީން ފައިބައިގެންދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް. މިތަނުގައި ހުރި އޭރުގެ އެންމެ ޒަމާނީ އާލާތާއި ވަސީލަތްތައް އައްޑޫއިން ބޭލި. ދަގަނޑު ތާނގީތައް، ގޭސް ކަޓަރުން ކަފައި ކުދިކުރި. ހައި ވޯލްޓޭޖް ކޭބަލްތައް ނަގައި ބުރިކޮށް، ބޮނޑި ބަނދެ، ކޮނޑަށް ލައިގެން ބޭރުކުރި،" ރައީސް ވިދާޅުވިއެވެ.

ގަންއިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުމަށް ގަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރު ތަކުން އިޚްލާޞްތެރިކަމާއެކު ތެދުވެރި މަސައްކަތްތަކެއް ކުރެވުނުނަމަ، ފަސްދޮޅަސް ފަސްއަހަރު ފަހުން "މި ރަސްމިއްޔާތު ބާއްވާކަށް ނުޖެހޭނެ،" ކަމަށެވެ.

އެހެންނަމަވެސް އެއީ މާޒީ ކަމާއި ސަރުކާރުން ނިންމަވާފައިވާ ފެންވަރަށް އެމަނިކުފާނުގެ ސަރުކާރުން ގަންއިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރައްވައި ނިންމަވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ، އައްޑޫގެ ފަޚުރަކަށްވުމަށް އައްޑޫ ސިޓީގެ ރައްޔިތުން އެދިވަޑައިގަންނަވާވަރަށް އަޅުގަނޑުވެސް އެދެން." ރައީސް ވިދާޅުވިއެވެ.

ގަންއިންޓަރނޭޝަނަލް އެއާޕޯޓަކީ ޒަމާނީ ހުރިހާ ވަސީލަތްތަކާއެކު ތަރައްޤީކުރާ އެއާޕޯޓެކެވެ. އެތަން ތަރައްޤީކުރަނީ އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭގޮތަށެވެ. "މި މަޝްރޫޢަކީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ މަޝްރޫޢެއް. މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި، އިންޑިއާ ސަރުކާރާއި، އިންޑިއާ އެގްޒިމް ބޭންކުން ދެއްވާ އެހީތެރިކަން އަޅުގަނޑު ފާހަގަކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ގެންދަވަނީ ރާއްޖޭގެ އިޤްތިޞާދު، ދިހަ އަހަރުން ދެގުނަ ކުރުމަށްޓަކައި އިންޤިލާބީ މަޝްރޫޢުތަކެއް ފަށްޓަވާފައި ކަމަށެވެ. އައްޑޫގައި ހިންގާ މަޝްރޫޢުތަކަކީ އޭގެތެރެއިން ބައެކެވެ.

ރައީސް ވިދާޅުވީ އެއާޕޯޓާއެކު އައްޑޫ ސިޓީއަށް ހަތްހާސް ޓޫރިސްޓް އެނދު، އިތުރުވެގެންދާނޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަން ފުޅާވުމަކީ އެއާ ގުޅޭ އެހެން ކިތަންމެ ވިޔަފާރިއަކަށް ވަޒީފާގެ ފުރުޞަތު ފުޅާވެގެންދާނެ ކަމެއް ކަމަށެވެ. "އޭގެ ސަބަބުން މިތަނުގައި ހިނގާ މުދަލުގެ މުޢާމަލާތު އިތުރުވާނެ. މި އެއަރޕޯޓް ފަރުމާކޮށްފައި އެވަނީ މިކަންކަމަށް ރިޢާޔަތްކޮށްގެން. ބޭނުންވާ ކޯލްޑް ސްޓޯރޭޖާއި، ކާގޯ ފެސިލިޓީގެ ޚިދުމަތްތަކަށް ވިސްނައިގެން،" ރައީސް ވިދާޅުވިއެވެ.