އަންހެނުން ކައުންސިލްތަކަށް އިންތިހާބުކުރަން ލާޒިމްކުރާގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް ހުށަހަޅާނަން – ރައީސް

0
ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ – ޕީ.އެސް.އެމް.ނިވްސް

ސިޓީ ކައުންސިލްތަކާ، އަތޮޅު ކައުންސިލްތައް އަދި ރަށުކައުންސިލްތަކަށް ވަކިނިސްބަތަކުން އަންހެނުން އިންތިޚާބުކުރެވޭ ގޮތަށް، ލާމަރުކަޒީ ގާނޫނު އިސްލާހްކުރުމަށް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މާލެއަތޮޅު މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންހެނުން ބާރުވެރި ކުރުވައި، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ، ހަމައެކަނި ޤާނޫނު އިޞްލާޙްކޮށްގެން ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ޤާނޫނުތަކުން އެކަމަށް މަގު ފަހިކުރުމާއެކު، އެކަމަށް ދެމެހެއްޓެނިވި ސިޔާސަތެއް އޮންނަންޖެހޭނެކަމަށާއި، އެކަން ކުރުމައް ވަރުގަދަ ޢަޒުމަކާއި ހިއްވަރެއްވެސް ބޭނުންވާނެކަމަށެވެ.ރައީސްގެ ވާހަކަފުޅުގައި ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކޮށް އަންހެނުން ބާރުވެރިކުރުމަކީ އެމަނިކުފާނަށް ވަރަށް މުހިންމުކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އެހެންކަމުން، ކައުންސިލްތަކަށް ވަކި ނިސްބަތަކުން އަންހެނުން އިންތިޚާބުކުރެވޭ ގޮތަށް، ލާމަރުކަޒީ ޤާނޫނު އިސްލާހްކުރުމުގެ ބިލް، ވަރަށް އަވަހަށް މަޖިލީހަށް ފޮނުވުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވެފައިވާއިރު، ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ގިނަ އިޞްލާޙުތަކެއް ގެންނަވާނެކަމަށްވެސް ރައީސް އަންނަނީ ތަކުރާރުކުރައްވަމުންނެެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ސިވިލް ސާވިސްގެ ތިން ބައިކުޅަ ދެބަޔާ ގާތްކުރާ ޢަދަދަކީ ނުވަތަ %61އަކީ އަންހެނުންކަން ފާހަގަކުރެއްވިއެވެ. އެއީ ސިވިލްސާރވިސްގައި މަސައްކަތްކުރާ 24516 މީހުންގެ ތެރެއިން 13705 އަންހެނުންނެވެ. ސިވިލް ސާރވިސްގެ ފިރިހެނުންގެ ނިސްބަތަކީ އެންމެ %39އެވެ.

Advertisement

މިސަރުކާރުގެ ކެބިނެޓްގައި 20 ވަޒީރުން ހިމެނިވަޑައިގަންނަވާއިރު، ކެބިނެޓްގެ %35އަކީ އަންހެނުންކަމަށް މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެއީ 7 އަންހެން ވަޒީރުންނެވެ.

އަންހެނުން ބާރުވެރިކުރުވުމަކީ މުޅި މުޖްތަމަޢު ބާރުވެރިވެގެންދާނެ ކަމެއްގެގޮތުގައި ފާހަގަކުރައްވައި އަންހެނުން ބާކީކޮށް ހަވާސާކޮށްލައިގެން ހޯދޭނެ ކުރިއެރުމެއް ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އަންހެނުންނާމެދު ކަމޭހިތައި އޯގާތެރިކަން އިސްކޮށް، އަންހެނުން ބާރުވެރިކުރުވައި، މުޖްތަމަޢުގައި ޙައްޤު މަޤާމަށް އަންހެނުން ގެންގޮސްދިނުމަށް ރައީސްވަނީ ގޮވާލައްވާފައެވެ.

Advertisements