މާރޗް 28 ގެ ކުރިން ކަރަންޓުގެ އަގު ހެޔޮކުރަނީ

0
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަރަންޓުގެ އަގުހެޔުކުރުމަށް ދަނީ މަސައްކަތްކުރަމުން

މި މަހުގެ 28ވަނަ ދުވަހުގެ ކުރިން ކަރަންޓުގެ އަގު ހެޔޮ ކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

ކަރަންޓުގެ އަގު ހެޔޮކުރުމާއި ގުޅޭ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު އަލީ ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮ ކުރުމާއި ގުޅޭ މަޝްވަރާތަކާއި ސަރވޭތައް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން ކަރަންޓުގެ އަގު ހެޔޮކުރުމަށް އެކުލަވާލި ފައިނަލް ޑްރާފްޓް ރައީސް އޮފީހަށް ފޮނުވާފައިވާކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

އަޙްމަދު އަލީ ވިދާޅުވީ ކަރަންޓުގެ އަގު ކުޑަކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ކަމާގުޅޭ ހުރިހާ އިދާރާތަކާއި ގުޅިގެން ކަމަށެވެ. އެގޮތުން ރައީސް އޮފީހާއި، މިނިސްޓްރީ އޮފް އެންވާރަމެންޓާއި، ސްޓެލްކޯ، ފެންކަ އަދި އެމްޑަބްލިއުއެސްސީން ވަނީ މި މަޝްވަރާތަކުގައި ބައިވެރިވެފައެވެ.

Advertisement

ކަރަންޓުގެ އަގު ކުޑަކުރުމަށް ކަނޑައަޅާފައިވަ މިންވަރެއް އަދި އެ މިނިސްޓްރީއިން ހާމަކޮށްފައެއް ނުވެއެވެ. އަޙްމަދް އަލީ ވިދާޅުވީ މިނިސްޓްރީއިން އެކުލަވާލި ޑްރާފްޓް، ރައީސަށް ހުށަހަޅާ އަގުތައް ފައިނަލް ކުރުމަށްފަހު، ސަރުކާރުގެ ފުރަތަމަ 100ދުވަހުގެ ތެރޭގައި އަގުތައް އިޢުލާން ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

“ރާއްޖެއިން ލިބެންހުރި ވަސީލަތްތައް ބޭނުންކުރަން ފެށުމުން އެބަ އިނގޭ، ކަރަންޓުގެ އަގު ކުޑަކުރެވިދާނެކަން. 100ދުވަހުގެ ތެރޭގައި ކަރަންޓުގެ އަގު ހެޔޮކުރާނެ،” އަޙްމަދު އަލީ ވިދާޅުވިއެވެ.

ކަރަންޓަކީ އެންމެ އަސާސީ ޚިދުމަތެއްގެ ގޮތުގައި ސަރުކާރުން ފޯރުކޮށްދެމުން އަންނަ އެއް ޚިދުމަތެވެ. ކަރަންޓުގެ ޚިދުމަތް ހޯދުމަށް އާއްމު ރައްޔިތުން މިހާރުވެސް ބޮޑު ހޭދައެއް ކުރަމުން އަންނައިރު ކަރަންޓު ޓެރިފް ރޭޓްތައް ކުޑަކޮށް، ކަރަންޓަށް ޢާއްމުންގެ އަތުން ހޭދަ ކުރާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޔޫޓިލިޓީ ވަޢުދުތަކުގެ ތެރޭގައި ހިމަނާފައިވާ ވައުދެކެވެ. ސަރުކާރުގެ ފުރަތަމަ 100ދުވަސް ހަމަވަނީ މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ފަހުން ކަރަންޓު އަގުހެޔޮކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެގޮތުން މާލޭއާއި އަތޮޅުތަކުގެ ކަރަންޓް ޓެރިފްތައް އެއްވަރުކޮށް، އަގުތައް ވަނީ ކުޑަކޮށްފައެވެ.

Advertisements