ރުގުޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ދަރިފުޅަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރި މައްސަލައިގައި ދެ މީހަކަށް ދައުވާ އުފުލައިފި އެވެ.

ޕަބްލިކް ޕްރޮސިކިއުޓަރ އަހްމަދު ޝަފީއު ވިދާޅުވީ އެ މައްސަލާގައި ދައުވާ އުފުލީ ރ. ކަނދޮޅުދޫ، މިރިހިމާގެ، އިސްމާއީލް ވަހީދު، އާއި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށް ކަމަށެވެ.

ޝަފީއު ވިދާޅުވީ މިދިޔަ ޖޫން 22 އިން ފެށިގެން އޮކްޓޯބަރު 30 އާ ދެމެދު އެކި ދުވަސް މަތިން އިސްމާއިލް ވަހީދުގެ އަނބިދަރިންނަށް ޖިންސްމާނީ ހާނިކަކޮށް އެމީހުން ގެއިން ނިކުތަ ނުދީ ހިފެހެއްޓި ކަމަށެވެ. އަދި މުހައްމަދު އަސީލް ރުޤްޔާ ކުރުމޭ ކިޔައިގެން، އިސްމާއީލް ވަހީދުގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރި ކޮށްފައިވާ ކަމަށާއި އިސްމާއީލް ވަހީދަށް އެކަން އެނގިހުރެ ސިއްރުކުރި ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

މުހައްމަދު އަސީލުގެ މައްޗަށް ހަތް ދައުވާއެއް ވަނީ އުފުލާފައެވެ.

އިސްމާއީލް ވަހީދުގެ މައްޗަށް ކުރި ދައުވާތައް

  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ
  • މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ
  • ގައިގާ އަތްލުމުގެ ކުށުގެ 2 ދައުވާ
  • ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދައުވާ

މުޙައްމަދު އަސީލްގެ މައްޗަށް ކުރި ދައުވާތައް

  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ
  • ގައިގާ އަތްލުމުގެ ކުށުގެ ދައުވާ
  • އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ
  • ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ
  • ކުޑަކުއްޖެއްގެ ހާޒިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ

އިސްމާއީލް ވަހީދު އާއި މުހައްމަދު އަސީލް މިހާރު ތިބީ ޝަރީއަތް ނިމެންދެން ޖަލަށްލާފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ބޮޑު ހުކުމެއް އެ ދެ މީހުންނަށް އަންނާނެއެވެ.