ސައުދީ އަރަބިއްޔާ އާއި އީރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމް ކުރުމުގެ އެއްބަސްވުން އިއުލާން ކުރިތާ ގާތްގަނޑަކަށް ތިން މަސް ފަހުން މާދަމާ، އީރާނުން ސައޫދީ އަރަބިއްޔާގައި ހުންނަ އެގައުމުގެ އެމްބަސީ އަލުން ހުޅުވާނެ އެވެ.

އީރާނުން ވަނީ ސައޫދީއާއެކު އަލުން ގުޅުން ގާއިމް ކުރިފަހުން އެމްބަސީ އިމާރާތް މަރާމާތު ކުރުމަށް މަސައްކަތް ކޮށްފައެވެ.

ސައުދީ އަރަބިއްޔާއަށް އީރާނުން އައްޔަން ކޮށްފައި ވަނީ އެގައުމުގެ ތަޖުރިބާކާރު ޑިޕްލޮމެޓެއް ކަމަށްވާ އަލީ ރިޒާ އިނާޔަތީ އެވެ.

އިނާޔަތީ ކުރިން ހުންނެވީ ކުވެއިތުގެ ސަފީރުގެ މަގާމުގައެވެ. އަދި އެއަށްފަހު ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރކަންވެސް ކޮށްފައި ވެއެވެ.