ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒީމާ، 3 އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސައުދީ އަރަބިއްޔާގެ ޗެމްޕިއަން އަލް-އިއްތިހާދަށް މިއަދު ސޮއިކޮށްފި ކަމަށް މަޝްހޫރު ނޫސް އެޖެންސީ އޭއެފްޕީއިން ބުނެފިއެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުގައި މިވަގުތު ހުރި ބެންޒީމާ އަލް-އިއްތިހާދަށް ސޮއި ކުރީ ސީޒަނަކަށް 300 މިލިޔަން ޔޫރޯއަށް ކަމަށް ސައުދީގެ ނޫސްތަކުން ބުނެއެވެ. އެކަމަކު ބެންޒީމާއަށް ދިނުމަށް ހަމަޖެހިފައިވާ މުސާރަ ރަސްމީކޮށް އަލް-އިއްތިހާދުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

ސައުދީ ވަލީ އަހްދު މުހައްމަދު ބިން ސަލްމާންގެ ބާރު އެޅުއްވުމާއެކު ސައުދީ ލީގުގެ ކްލަބުތަކުން ދަނީ ލީގް ވަރުގަދަ ކުރުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން އެގައުމުގެ ކްލަބުތަކަށް ގެންދިޔުމަށް ފައިސާގެ ބޮޑެތި އަދަދުތައް ހުށަހަޅަމުންނެވެ. މިގޮތުން ނިމިދިޔަ ސީޒަނުގެ މެދުތެރެއިން ސައުދީގެ އަލް-ނަސްރުން ވަނީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އެކްލަބަށް ގެންގޮސް ސައުދީ ލީގުގެ މަގުބޫލްކަން އެތައް ގުނައެއް އިތުރު ކޮށްދީފައެވެ.

ރޮނާލްޑޯ އާއި ބެންޒީމާ ސައުދީ ލީގަށް ބަދަލުވެފައިވާއިރު، ސައުދީގެ އަލް ހިލާލުން ދަނީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއްފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ދެކޭ އާޖެންޓީނާގެ ލިއޮނަލް މެސީ އެއްބިލިޔަން ޔޫރޯގެ މުސާރަކަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.