އއ. ތޮއްޑޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެރަށުގެ އިންޖީނުގޭގައި ބޭނުންކުރަމުންދިޔަ 400 ކިލޯވޮޓުގެ ޖަނަރޭޓަރު އޯވަރހޯލްކޮށް ނިންމައިފިއެވެ.

ސްޓެލްކޯއިން މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތޮއްޑޫގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ ގޮތުން މި މަސައްކަތް ކުރެވުނު ކަމަށެވެ. އަދި މިހާރު އޯވަރހޯލްކޮށް ނިމުނު ޖަނަރޭޓަރު އަލުން ލޯޑަށް ދެވިފައިވާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

ސްޓެލްކޯއިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުހިންމު ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ކަރަންޓު، ފެން، ނަރުދަމާ އަދި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ހިމެނެއެވެ.

މިއަދު، އެ ކުންފުނިން 35 އިންޖީނުގެއާއި، 7 ފެން ޑީސެލިނޭޝަން ޕްލާންޓާއި، 5 ނަރުދަމާ ނެޓްވޯކް މެދުވެރިކޮށް 80,973 ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެއެވެ.