ރިޔާޟް ( 19 ސެޕްޓެމްބަރ): ފަލަސްތީނުގެ ދައުލަތެއް ގާއިމް ނުކުރެވޭހައި ހިނދަކު، ދައުލަތެއްގެ ގޮތުގައި ސައުދީ އަރަބިއްޔާއިން އިސްރާއީލުން ބަލައިނުގަންނާނެ ކަމަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ޝައުރާ ކައުންސިލަށް ދެއްވި ތަގުރީރުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް "އިސްރާއީލުގެ އިސްތިއުމާރުގެ ޖަރީމާތައް" ވަލީއަހުދު މުހައްމަދު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

"އިރުމަތީ ގުދުސް އަކީ މިނިވަން ފަލަސްތީނުގެ ވެރިރަށް. ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ކުރާ މަސައްކަތް ވަރުބަލިކަމެއް ނެތި ކުރަމުން ގެންދާނަން. ފަލަސްތީނަށް މިނިވަން ދައުލަތެއް ޤާއިމު ކުރެވުމުގެ ކުރިން އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ނުކުރާނެކަން އަޅުގަނޑުމެން ކަށަވަރުކޮށްދެން،" ވަލީއަހުދު މުހައްމަދު ވިދާޅުވިއެވެ.

ވަލީއަހްދު މުހައްމަދު ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނު ގައުމެއްގެ ގޮތުގައި ބަލައި ގަތުމަށްވެސް ގޮވާލައްވާފައެވެ. އަދި ގައުމެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަތް ގައުމުތަކަށް ވަލީއަހުދު މުހައްމަދު ވަނީ ޝުކުރުވެސް އަދާކުރައްވާފައެވެ. އދ.ގެ އާންމު މަޖިލީހުގެ 193 ގައުމުގެ ތެރެއިން 146 ގައުމުން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް މިއަހަރުގެ ޖޫން މަހު ނިންމާފައެވެ.

ފަލަސްތީނަށް އދ. ދާއިމީ މެމްބަރު ގައުމެއްގެ ދަރަޖަ ދިނުމަށް ނެގި ވޯޓް ކާމިޔާބު ނުވީ، ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބި ޒަޔަނިސްޓް އިޒްރޭލުގެ އެންމެ ބޮޑު މަދަދުގާރު އެމެރިކާއިން އެ ގަރާރު ވީޓޯ ކުރުމުގެ ސަބަބުންނެވެ.