ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މިހާރު ހުންނެވި މުހައްމަދު ނަޝީދު، އެ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޕީޖީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށެވެ. އެ މައްސަލައިގެ ޕެޓިޝަންގައި ވަނީ މިހާރު ސޮއިކުރަން ފަށައިފައެވެ.

މަޖިލިސް އިދާރާގައި މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު ރައީސް ނަޝީދު އަމަލުކުރައްވާ ގޮތާ ގުޅިގެން ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ކަމަށެވެ.

"އޭޖީގެ އިތުބާރުގެ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ރިޔާސަތުން ނިންމެވި ނިންމުންތަކާއި އެ މައްސަލަ ކުރިއަށް ނުގެންދެވި މުޅި މަޖިލިސް ހުއްޓުމަކަށް އަންނަ ހިސާބަށް ކަންތައްވަމުން ދިޔައީ ރިޔާސަތުން އަމަލުކުރާ ގޮތުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" އަސްލަމް ވިދާޅުވިއެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައަށް ބޭނުންވާ ސޮއި ހަމަވުމުން މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ޕެޓިޝަންގައި 50 އަށްވުރެ ގިނަ އެމްޑީޕީ މެންބަރުން ސޮއި ކުރައްވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ. އެ ޕާޓީގެ 56 މެމްބަރުން މަޖިލީހުގައި ތިއްބަވައެވެ.

ނަޝީދު ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ކުރިއަށް ގެންދަވަނީ "ޗަރުކޭހެއްގެ" ގޮތުގައި ކަމަށާއި ރިޔާސަތުން އަމަލުކުރައްވަނީ ހިތުހުރި ގޮތަކަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ހިތުހުރި ގޮތަކަށް ގާނޫނާއި ގަވައިދުތައް މާނަކުރައްވާ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ. އެކަންތައްތަކަކީ ރިޔާސަތުގައި އިންނަވައިގެން ގާނޫނާ ހިލާފަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ އަމަލުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

"ވަޒީރަކު އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ގެންނަވައި އެތައް ވަގުތެއް މިތަނުގައި ތާށިކޮށްފައި ބޭންދުމާއި ހިތުހުރިހާ ގޮތަކަށް އަމަލުކޮށް، މައްސަލަ ކުރިއަށް ނުގެންދަވައި ބޮޑު ޗަރުކޭހެއް، ކުޅިވަރުގަނޑެއްހެން މިތަނުގައި މުޅި ހަމަތައް ނަގާލައިގެން ކުރިއަށްގެންދާ ގޮތަށް މަޖިލިސް ތެރޭގައި،" އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި އޮންނަ ގޮތުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ 22 މެންބަރުންގެ ސޮއި އޮވެގެންނެވެ. މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުން ކަމަށްވެސް ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައި ބުނެފައިވެއެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. އެގޮތުން ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެއެވެ. އެއީ 87 މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމައެވެ.