ހދ. ކުރިނބީ ބަނދަރު ތަރަައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިމަހު 4 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން 30,172 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 4,389 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، 2,040 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ބަނދަރުގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުން ހިމެނެއެވެ.

މީގެ އިތުރުން 295 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 314 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، އެކްސަސް ޕްލެޓްފޯރމެއް ޤާއިމުކުރުމާއި، 1,556.61 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 40.56 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.