ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައި މަޖިލީހުގެ ރައީސް ކަމުން އެމަނިކުފާނު ވަކިކުރުމުގެ މައްސަކަ މާދަމާ މަޖިލީހަށް ފޮނުވާނޭ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެ މަނިކުފާނުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިވައްދަނީ މަދުވެގެން ފަންސާސް ހަތަރު މެމްބަރުންގެ ސޮޔާ އެކުގައެވެ. (މި ޚަބަރު ލިޔަމުންދިޔައިރު 54 މެމްބަރުން ވަނީ ސޮއި ކޮށްފައެވެ.)

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ 56 މެމްބަރުންނެވެ. މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ ވޯޓެއްނަގައި މަގާމުން ވަކިކުރުމަށް ނިންމާފައިވަނީ އަޣުލަބިއްޔަތުންނެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ 42 މެމްބަރަކު ބައިވެރިވިއެވެ. މީގެ ތެރެއިން ރިޔާސަތަށް ވޯޓެއް ނުދެވެއެވެ. އެހެން ކަމުން ވޯޓުގައި ބައިވެރިވެފައިވަނީ އެކާޅީސް މެމްބަރެކެވެ. އޭގެ ތެރެއިން ސަތިރީސް މެމްބަރަކު ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް ވޯޓު ދީފައެވެ. މީގެ ކުރީން ވަނީ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވެސް މަޤާމުން ވަކިކުރުމަށް މަޖިލީހަށް މައްސަލަ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމީ އެމަނިކުފާނު ރިޔާސަތުގައި އިންނަވައިގެން މަޖިލީސް ޤަވާއިދާ ޚިލާފަށް ތަކުރާރުކޮށް ކުރިއަށް ގެންދަވާތީ ކަމަށް ޕީޖީ ލީޑަރު ވިދާޅުވިއެވެ. ފަހަކަށް އައިސް ރައީސް ނަޝީދުގެ ފަރާތްޕުޅުން މިކަން ވަރަށް ބޮޑަށް ވަނީ ފާހަގަވެފައި ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ވެސް އެމްޑީޕީގެ މެމްބަރުން ވަނީ އަޑުގަދަކޮށްފައެވެ.