ސައުދީގެ ޗެމްޕިއަން އަލް-އިއްތިހާދަށް ކަރީމް ބެންޒީމާ ސޮއި ކުރިތާ 24 ގަޑިއިރު ނުވެ އުޅެނިކޮށް، ބެންޒީމާއާއެކު ފްރާންސް ގައުމީ ޓީމަށް ކުޅުނު މިޑްފީލްޑަރު އެންގްލޯ ކަންޓޭއަށް ރަސްމީކޮށް އިއްތިހާދުން ބިޑް ކޮށްފިއެވެ.

އިއްތިހާދުގެ އޮފިޝަލުން ސީދާ ލަންޑަނަށް އައިސް ކަންޓޭއާ ބައްދަލުކޮށް އޭނާއަށް ހުށަހެޅީ ދެއަހަރުގެ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގެ ދަށުން ކަންޓޭއަށް ސީޒަނަކަށް 100 މިލިޔަން ޔޫރޯ އިއްތިހާދުން ދޭނެއެވެ.

ކަންޓޭ ބޮޑެތި ކްލަބުތަކުގެ ލޮލުގައި އަޅައިގަތީ ލެސްޓަރ ސިޓީއިން 2016 ވަނަ އަހަރު ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދިއިރުއެވެ. ހަމައެއަހަރު ޗެލްސީއަށް ބަދަލުވެ އެކްލަބަކާއެކު 2016/2017 ސީޒަނުގެ ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދިއެވެ.

ދަނޑުމަތީގައި އާދަޔާހިލާފަށް މަސައްކަތުގެ ރޭޓް މަތި ކަންޓޭ ވަނީ ޗެލްސީއާއެކު 2021 ވަނަ އަހަރު މެންޗެސްޓަރ ސިޓީ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ތަށިވެސް އުފުލާލާފައެވެ.

އަނިޔާގެ ސަބަބުން ނިމިިދިޔަ ސީޒަނުގެ ބޮޑުބައެއް ނުކުޅެ ހުންނަން ޖެހުނުއިރު، މިދިޔަ އަހަރު ފަހުކޮޅު ގަތަރުގައި އޮތް ވަރލްޑް ކަޕުގައިވެސް އަނިޔާގެ ސަބަބުން ކަންޓޭއަށް ކުޅެވޭ ގޮތެއް ނުވިއެވެ. އެކަމަކު 2018 ވަނަ އަހަރު ފްރާންސުން ވަރލްޑް ކަޕް ކާމިޔާބު ކުރީ ކަންޓޭގެ އެހީތެރިކަމާއެކުކަން ފާހަގަ ކޮށްލެވެއެވެ.