ބާސެލޯނާ ބަދަލުވާނެކަމަށް އެކްލަބުގެ ސަޕޯޓަރުން ކުރި އުއްމީދު ކޮށްގެން ތިއްބައި ލިއޮނަލް މެސީ އެމެރިކާގެ މޭޖަރ ސޮކަރ ލީގުގެ އިންޓަމިއާމީއަށް ބަދަލުވުމަށް ނިންމައި މިރޭ އެކަން އިއުލާން ކޮށްފިއެވެ.

މާލީ މައްސަލަތަކުގެ ސަބަބުން މީގެ 2 ސީޒަން ކުރިން ކޮންޓްރެކްޓް އާނުކުރެވި ވަރަށް ހިތްދަތިކޮށް ބާސެލޯނާ ދޫކޮށްލަން ޖެހުނު މެސީ، އިންޓަމިއާމީއަށް އަންނަ ސީޒަނުގައި ކުޅެން ނިންމީ މެސީ ގެންދިޔުމަށް ސައުދީގެ އަލް ހިލާލުން އެއްބިލިޔަން ޑޮލަރުގެ މުސާރައެއް އޭނާއަށް ހުށަހަޅާފައި ވަނިކޮށެވެ. އަދި ބާސެލޯނާއިންވެސް އޭނާ ގެންދިޔުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެމެރިކާގެ މީޑިޔާ ރިޕޯޓުުތައް ބުނާ ގޮތުން އިންޓަމިއާމީއަށް މެސީ ބަދަލުވަނީ ކުޅުން ހުއްޓާލުމުން އެކްލަބުގެ ޝެއަރ ހޯލްޑަރެއްގެ މަގާމް އޭނާއަށް ލިބޭ ގޮތަށާއި އެޑިޑާސް އާއި މަޝްހޫރު އެޕަލް ކުންފުނީގެ ސްޕޮންސާތައް މެސީއަށް ލިބޭ ގޮތަށެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 7 ފަހަރު ހޯދާފައިވާ މެސީ، އެމެރިކާ މޭޖަރ ސޮކަރ ލީގަށް ބަދަލުވުމަކީ 2026 ވަނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވަރލްޑް ކަޕް މާކެޓް ކުރަން ފަސޭހަ ވެގެންދާނެ ކަމެއްކަމަށްވެސް ތަޖުރިބާކާރުން ދެކެއެވެ.

އިތުރު ތަފްސީލް އަންނީ...