ނިއު ދިއްލީ (ޖުލައި 10) - ނިއުދިއްލީން އެމެރިކާގެ ސެން ފްރެންސިސްކޯއަށް ދަތުރުކުރަމުން ދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއްގެ އިންޖީނަށް މައްސަލައެއް ދިމާވުމުން ރަޝިޔާގެ ސައިބީރީއާއަށް ޑައިވަރޓްކޮށްފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އެއާ އިންޑިއާ އިން ނެރުނު ބަޔާނެއްގައި ބުނީ 216 ފަސިންޖަރުންނާއި 16 ފަޅުވެރިންނާއެކު ބޯއިން 777 ބޯޓެއް އަންގާރަ ދުވަހު ރަޝިޔާގެ އިރުމަތީގައި އޮންނަ ސައިބީރިއާގެ މަގަދާން އެއާޕޯޓަށް ރައްކާތެރިކަމާއެކު ޖައްސާފައިވާ ކަމަށެވެ. އަދި ފްލައިޓުގެ އިންޖީނަށް ދިމާވި ކްނިކަލް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެއާއިންޑިޔާގައި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މަގަދާން އެއާޕޯޓުގައި ތާށިވެފައި ތިބި ފަސިންޖަރުން ބުރާސްފަތި ދުވަހު ސެންފްރެންސިސްކޯއަށް ގެންދިއުމަށް ބަދަލު ބޯޓެއް މުމްބާއީ އިން މަގަދާނަށް ދަތުރުކުރަމުންދާ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވެޑަންޓް ޕަޓޭލް ވިދާޅުވީ ބޯޓުގައި އެމެރިކާގެ 50 ޕަސެންޖަރުން ތިބި ކަމަށާއި އޭގެ ތެރެއިން އެއްވެސް މީހަކު ރަޝިޔާގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ނުވަތަ އެހެން ޑިޕްލޮމެޓިކް އޮފީހަކަށް ދިޔަކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. މިދުވަސްވަރަކީ ރަޝިޔާ - ޔޫކްރައިން ހަނގުރާމައިގެ ސަބަބުން، އެމެރިކާ އާއި ރަޝިޔާގެ ގުޅުން ވަަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރެއްކަން ފާހަގަ ކޮށްލެވެއެވެ.