ހައިކޯޓުގެ ފަނޑިޔާރުކަމުގެ ދ.ގައްދޫ، ހަނދުވަރީނާޒް، މުހައްމަދު ޝަނީޒް އަބްދުﷲ އައްޔަންކޮށްފިއެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝަނީޒް އައްޔަން ކޮށްފައި ވަނީ މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ޝަނީޒްއަށް ފަނޑިޔާރުކަން ހަވާލުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ޝަނީޒަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖްއިން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ (ސްޕްޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ޝަނީޒް ވަނީ ނުވަ އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ޝަރުއީ އަދި ގާނޫނީ ދާއިރާގައި ހިދުމަތްކުރައްވާފައެވެ. ޝަނީޒް ވަނީ ވަކީލުކަމާއި މެޖިސްޓްރޭޓްކަން އަދާ ކުރައްވާފައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރިއިރު ޝަނީޒް ހުންނެވީ ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމުގެ މަގާމުގައެވެ.