ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރައީސް ކަަމުގެ މަގާމުން ވަކިކުރުމަށްޓަކައި، އެމްޑީޕީގެ ޕީޖީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ މަޝްވަރާ ކުރެވިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނިއުސްކޮންފަރެންސްގައި، ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްްވަމުންނެވެ. މިއުވާން ވިދާޅުވީ، ކަންކަމުގައި ރައީސް ވަޑައިގަންނަވަނީ ޕާލަމެންޓްރީ ގްރޫޕުގެ މެޖޯރިޓީއާ އެއްކޮށް ކަމަށެވެ.

"ރައީސް ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހަޅާފައިވާއިރު އެކަމުގައި ރައީސް ސޯލިހު ގެންގުޅުއްވާ ސްޓޭންޑަކީ ކޮބައިތޯ،" މިސުވާލުގެ ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ކަންކަމުގައި ރައީސް ވަޑައިގަންނަވަނީ ޕާލަމެންޓްރީ ގްރޫޕުގެ މެޖޯރިޓީއާ އެއްކޮށް ކަމަށެވެ.

"ޕާލަމެންޓްރީ ގްރޫޕުގެ މެޖޯރިީޓީއާ އެއްކޮށް ރައީސް ވެސް ވަޑައިގަންނަވަނީ، ރައީސް އާއި އެބޭފުޅުންނާ މަޝްވަރާ ވެސް ކުރެވޭ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ތިއްބެވި ހުރިހާ މެންބަރުންނާވެސް ރައީސާވެސް ހަމަ މަޝްވަރާ ކުރެވޭ، ވާހަކަ ދެކެވޭ ރައީސާއެކު އޮންނަ ގުޅުންވެސް ރަނގަޅު އެބޭފުޅުންގެ އިތުބާރު ރައީސަށް އެބައޮތް،" މިއުވާން ވިދާޅުވިއެވެ.

އެހެންކަމުން ކަންކަން ކުރިއަށްދަނީ ރައީސާއެކު މަޝްވަރާތަކެއް ކުރެވިގެން ކަމަށެވެ. ނަމަވެސް އެކަންކަމުގައި ރައީސް ވަޑައިގަންނަވާނީ، "ސީދާ ޕީޖީގެ މެޖޯރިޓީއާ އެއްކޮށް،" ކަމަށްވެސް މިއުވާން ވަނީ ވިދާޅުވެހައބެ،އެވެ.

ރައީސް ނަޝީދު މަގާމުން ވަކި ކުރުމަށްޓަކައި، އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން، އެމްޑީޕީގެ 36 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ. އޭގެ ފަހުން 54 މެންބަރުންގެ ސޮޔާއެކު ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އިއްޔެ ވަނީ މަޖިލީހަށް ފޮނުވައިފައެވެ.