ވ.ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން މިމަހުގެ 25 އިން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކޭ.ޒެޑް.ޖޭ ކަޕް 2023 ގެ މީޑިއާ ޕާރޓްނަރަކަށް ހަލި ނިއުސް މިއަދު ހަމަޖައްސައިފިއެވެ.

މީޑިއާ ޕާރޓްނަރޝިޕް ހަމަޖެއްސުމަށްޓަކައި ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާ އާއި ހަލި ނިއުސްއާ ދެމެދު މިއަދު ވަނީ ރަސްމީ ބައްދަލުވުމެއް ބާއްވާފައެވެ. ފިރިހެން އަދި އަންހެން ޑިވިޝަނަށްވެސް ބާއްވާ ކޭ.ޒެޑް.ޖޭ ކަޕް 2023 އާ ގުޅޭ މައުލޫމާތާއި ޚަބަރުތައް ހަލި ނިއުސް ގެ ވެބްސައިޓާއި ފޭސްބުކް ޕޭޖް މެދުވެރިކޮށް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެއެވެ.

ކޭ.ޒެޑް.ޖޭ ކަޕަކީ 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މުބާރާތެކެވެ. މި މުބާރާތް ކޮންމެ އަހަރަކުވެސް ބާއްވަނީ އަޟްޙާ ޢީދާ ގުޅުވައިގެންނެވެ. ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާގެ ޗެއަރޕާރސަން އަޙްމަދު ރަޝީދު (އައްމަޑޭ) ހަލި ނިއުސްއަށް މައުލޫމާތު ދެއްވި ގޮތުގައި މި މުބާރާތަކީ ވ.އަތޮޅުގައި ބާއްވާ ފުޓުބޯޅައިގެ މިފަދަ އެންމެ ފޯރިގަދަ މުބާރާތެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ޤައުމީ ކްލަބް ލެވެލްގެ އެކި މުބާރާތްތަކުގައި ވާދަކުރާ ހުނަރުވެރި ކުޅުންތެރިން މި މުބާރާތުގައި ކޮންމެ ފަހަރަކުވެސް ވާދަކުރެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ އޮފިޝަލުން ގޮތުގައި ހަރަކާތްރެރިވާނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ލައިސަންސް ލިބިފައިވާ ރެފްރީންނެވެ.

މިމުބާރާތުގެ ފިރިހެން ޑިވޜަނުގައި މިއަހަރު ވާދަކުރާ ޓީމްތަކަކީ ސްޓެލްކޯ ކްލަބް ކެޔޮދޫ، ކަންމަތި ސްޕޯރޓްސް ކްލަބް، ސޮލައިދޫ ސްޕޯރޓްސް ކްލަބް، ކްލަބް ބްރޯކަރސް، ގޭދޮށު ފުޓްބޯލް ކްލަބް، ސްޕޯރޓްސް ކްލަބް ހޮސްކޮވޯ، އަދި އެން.ޖީ ސްޕޯރޓްސް އެވެ. މުބާރާތް ރާވާފައި ވަނީ 2 ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމު ސެމީފައިނަލަށް ދާ ގޮތަށެވެ.

އަންހެން ޑިވިޝަންގައި ވާދަކުރަނީ ކްލަބް ބްރޯކަރސް އަދި ސްޕޯރޓްސް ކްލަބް ހޮސްކޮވޯ އެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ދެ ޓީމްގެ މެދުގައި ދެ މެޗްކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެކެވެ.

ޖަމިއްޔާގެ ޗެއަރޕާރސަން އަޙްމަދު ރަޝީދު ވިދާޅުވިގޮތުގައި މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު މިހާރުވެސް ވަނީ ހުޅުވާލާފައެވެ. މިގޮތުން ޓައިޓަލް ސްޕޮންސަރ، ޕްލެޓިނަމް ސްޕޮންސަރ، ގޯލްޑް ސްޕޮންސަރ، ސިލްވަރ ސްޕޮންސަރ އަދި ބްރޯންޒް ސްޕޮންސަރ މި ކެޓެގަރީތަކުން ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.

ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއަކީ 2008 ވަނަ އަހަރު މަދަނީ ޖަމިއްޔާ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން، ވ.ކެޔޮދޫގެ އިޖްތިމާއީ، ޢުމްރާނީ އަދި ކުޅިވަރުގެ ދާއިރާގައި ފާހަގަކުރެވޭ ވަރަށް ހަރަކާތްތެރި ޖަމިއްޔާއެކެވެ. ވ.ކެޔޮދޫ އަކީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި މަޝްހޫރު ޗެމްޕިއަނުން ނިޞްބަތްވާ ރަށެއްކަން ފާހަގަކުރެވެއެވެ. ކުރިން ގައުމީ ޓީމާއި ނިއުރޭޑިއަންޓް އަދި ވެލެންސިޔާއަށް ކުޅުނު މަޝްހޫރު ފޯވާޑް އާދަމް އަބްދުލް ލަތީފް (ލައްޗޭ) ނިސްބަތްވަނީވެސް ކެޔޮދުއަށްކަން ފާހަގަ ކޮށްލެވެއެވެ.