ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހުރި ފްރާންސްގެ ފުޓްބޯޅަ ތަރި ކަރީމް ބެންޒީމާ، ސައުދީ އަރަބިއްޔާގެ ޗެމްޕިއަން އަލް-އިއްތިހާދު ކުޅުންތެރިއެއްގެ ގޮތުގައި މިރޭ ދައްކާލައިފިއެވެ.

އިއްތިހާދުގެ ދަނޑުގައި ބޭއްވި ކުލަގަދަ މިރަސްމިއްޔާތުގައި ބެންޒީމާއަށް މަރުހަބާ ކިޔަން އެކްލަބުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެ ތިއްބެއެވެ. ބެންޒީމާ ވަނީ މިރަސްމިއްޔާތުގައި މިދިިޔަ އަހަރު އޭނާ ހާސިލް ކުރި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް (ބެލޮންޑިއޯ) އިއްތިހާދުގެ ސަޕޯޓަރުންނަށް ދައްކާލާފައެވެ.

ބެންޒީމާ، ރެއާލް މެޑްރިޑް ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި އަލް އިއްތިހާދަށް ސޮއި ކުރީ 3 އަހަރުގެ އެއްބަސްވުމެއްގެ ދަށުން އަހަރަކަށް 213 މިލިޔަން ޑޮލަރަށެވެ.

ސައުދީގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބެންޒީމާ ބުނީ ސައުދީ ލީގަށް ބަދަލުވީ ފައިސާއަށް އެކަނި ނޫން ކަމަށާއި ސައުދީއަކީ މުސްލިމް ގައުމަކަށްވެފައި އޭނާއަކީވެސް މުސްލިމަކަށް ވާތީވެ ސައުދީ ލީގް އިހްތިޔާރު ކުރަން ފަސޭހަވީ ކަމަށެވެ. "އަހަންނަކީ މުސްލިމެއް، އަދި ސައުދީއަކީ މުސްލިމް ގައުމެއް، އަހަރެން އަބަދުވެސް އުއްމީދު ކުރިން މިތަނުގައި (ސައުދީގައި) ދިރިއުޅެން" އަލް-އިއްތިހާދުގެ މީޑިޔާއަށް ދިން ބަސްދީގަތުމެއްގައި ބެންޒީމާ ބުންޏެވެ.

ސައުދީ ލީގަށް ބެންޒީމާ ގެންދިޔުމުގެ ކުރިން، މިދިޔަ ސީޒަނުގައި ސައުދީ ލީގުގެ އަލް ނަސްރުން ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 5 ފަހަރު ހޯދާފައިވާ ޕޯޗުގަލް ގައުމީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެކްލަބަށް ގެންގޮސްފައެވެ.