އިގްތިސާދީ އެއްބާރުލުން އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، އިރާގުގެ ވެރިރަށް ބަޣުދާދުގައި އެއް ބިލިއަން ޑޮލަރުގެ ޝޮޕިން ޑިސްޓްރިކްޓެއް ތަރައްގީކުރަން ހަމަޖެހިފައިވާ ކަމަށް އިރާގުގައި ހުންނަވާ ސައުދީ އަރަބިއްޔާގެ ސަފީރު އަބްދުލް އަޒީޒް އަލް ޝައްމާރީ ވިދާޅުވެއްޖެ އެވެ.

އިރާގުގެ މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޝަމްމާރީ ވިދާޅުވީ މިތަން އިމާރާތްކުރާނީ ބަޣުދާދުގެ ބައިނަލްއަގުވާމީ އެއާޕޯޓް ކައިރީގައި ކަމަށެވެ.

އިރާގުގެ އެންމެ ބޮޑު ޝޮޕިން ޑިސްޓްރިކްޓަކަށް މިތަން ވެގެންދާނެ ކަމަށާއި، ރެސްޓޯރެންޓްތަކާއި ފިހާރަތަކާއި ވިޔަފާރި އޮފީސްތަކުގެ އިތުރުން 4،000 އެޕާޓްމަންޓާއި 2،500 ވިލާ މިމަޝްރޫއު ނިމޭއިރު ހުންނާނެ ކަމަށް ވެސް ޝައްމާރީ ވިދާޅުވިއެވެ.

ޝައްމާރީ ވިދާޅުވީ ވިޔަފާރީގެ މިއިންވެސްޓްމަންޓްތަކަކީ އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިއާ އަލް ސޫދާނީ އާއި އެމަނިކުފާނުގެ ޓީމުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ނަތީޖާ ކަމަށެވެ.

1990 ވަނަ އަހަރު ސައްދާމް ހުސެއިންގެ ސިފައިން ކުވައިތަށް އަރައިގަތުމުން އިރާގާއި ގުޅުން ކަނޑާލި ނަމަވެސް ސައުދީ އާއި އިރާގުގެ ގުޅުން ރަނގަޅު ކުރަން ފެށީ 2016 ވަނަ އަހަރުގައެވެ.

އިރާގުގައި ސައުދީ އަރަބިއްޔާގެ އެމްބަސީ އަލުން ހުޅުވައި، ދެގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ހާއްސަ ކައުންސިލެއް އުފެއްދި އެވެ. އޭގެ ފަހުން ދެގައުމުގެ ސިޔާސީ ކަންކަމާއި ސަލާމަތާއި ވިޔަފާރިއާ ގުޅޭ ސިލްސިލާ އެއްބަސްވުންތަކެއްގައި ސޮއިކޮށް ބޯޑަރު ހުޅުވިގެން ދިޔަ އެވެ.