އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ގދ.ހޯޑެއްދޫގައި "ކޮމިޔުނިޓީ އިމަޖެންސީ ރެސްޕޯންސް ޓީމް ޓްރެއިނިންގ" ޕްރޮގްރާމެއް ހިންގައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ގދ.ހޯޑެއްދޫގެ ކައުންސިލްގެ އެދިލެއްވުމަކަށް ޖޫން 3 އިން 8 އަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމްގައި އެ ރަށުން 14 ފަރާތެއް ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަަށެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބުރާސްފަތިރޭ ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި ޕްރޮގްރާމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު އިނާޔަތުއެވެ.

މީގެއިތުރުން، މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި ފަޔަރ ބިހޭވިއަރ، ލިކުއިޑް ޕެޓްރޯލިއަމް ގޭސް، ޕޯޓަބަލް ފަޔަރ ޕަމްޕް ސްޓަރޓިންގ އެންޑް ސްޓޮޕިންގ ޕްރޮސީޖަރސް، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތް، ފަޔަރ ފައިޓަރ ބޭސިކް ނޮޓްސް، ފަޔަރ ފައިޓިންގ ހޯސް ކެރީ، ލެޔިންގ އަދި ރޯލިންގ މެތަޑްސްގެ އިތުރުން މެނޭޖިންގ ޑިޒާސްޓަރސް ހިމެނެއެވެ. އަދި ކޮމާންޑް ޓާސްކުތަކާއި ޓޭބަލް ޓޮޕް އެކްސަސައިޒްތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ މި ދާއިރާއިން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެފްއާރުއެސް ކޮމްޕޯނަންޓުގެ ސިފައިންނެވެ.