އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ހަތްހާސް ރުފިޔާއަށް ބޮޑު ކުރައްވާނެ ކަމަށާއި އަދި ރާއްޖޭގައި ސަތޭކަ މިލިއަނަރުން އުފައްދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރޭގައި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައެވެ. ރޭ ބޭއްވި ޖަލްސާގައި ގާސިމްއާ ޓިކެޓް ހަވާލުކޮށްދެއްވީ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފެވެ.

ގާސިމް ވަނީ ޖުމުލަކޮށް ހުރިހާ ދާއިރާއަކަށް ކޮށްދެއްވާނެ ކަންތައްތަކުގެ ކުރުކޮށް ރޭގެ ޖަލްސާގައި ވިދާޅުވެދެއްވައިފައެވެ. އަދި މި ޖަލްސާގައި ރިޔާސީ އިންތިހާބުގައި އެ ޕާޓީން ބޭނުންކުރާނެ ލަވައާއި ސްލޯގަންވެސް އިފުތިތާހުކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ ސްލޯގަންއަކީ "ހާސް ކަނޑާލާ!، ހަމަޖެހޭނެ!" އެވެ.

ރޭގައި ގާސިމް އެކި ދާއިރާތަކަށް ކޮށްދެއްވާނެ ކަންތައްތަކުގެ ތެރޭގައި، ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި 100 މިލިއަނަރުން އުފައްދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ ބޭނުމަކީ ރައްޔިތުންނަށް މާލީ ބާރުވެރިކަން ހޯދައިދީ އިގުތިސޯދު ކުރިއެރުވުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000 ރުފިޔާއަށް ބޮޑުކުރައްވާނެ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް ހައުސިން ސްކީމެއް ތައާރަފު ކުރައްވާނެ ކަމަށާއި ފަތުރުވެރިކަމުގެ ޕްރޮޑަކްޓްސް އިތުރު ކުރުމަށް ޑައިވިން، ހެލްތް ޓޫރިޒަމް، އިސްލާމިކް ޓޫރިޒަމް، އެޑިއުކޭޝަނަލް ޓޫރިޒަމް، ބޯޓިން ޓޫރިޒަމް އަދި ލޯކަލް ޓޫރިޒަމް ފުޅާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އަމިއްލަ ކްރެޑިޓް ކާޑެއް އުފައްދައި، އިންވެސްޓްމަންޓް ބޭންކް ތައާރަފު ކުރައްވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އޮފްޝޯ ބޭންކުގެ ހިދުމަތް ގާއިމުކުރެވިގެންދާނެ ކަމަށާއި ޑިޖިޓަލް ކަރަންސީ ބޭނުން ކުރެވޭނޭ ނިޒާމް ހަމަޖެހިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ރޭގައި ދެއްކެވި ވާހަކަފުޅުގައި ގާސިމް އިތުރަށް ވިދާޅުވީ، ޖޭޕީއަކީ މިހާރު ރާއްޖޭގައި އަމަލުކުރާ ވެރިކަމުގެ ނިޒާމުގެ އިންތައް ކަނޑައެޅި ފިކުރު ކަމަށާއި ރައްޔިތުން ބޭނުންވި ބަދަލުތައް ހޯދައިދިނުމުގައި "ރީފޯމިނިސްޓުން" ޖޭޕީގައި ތިބި ކަމަށެވެ. އަދި ޕީޕީއެމްއާއި އެމްޑީޕީގެ ވެރިކަންވެސް ދިވެހިންނަށް ވަނީ ތަޖުރިބާ ކުރެވިފައި ކަމަށާއި ވެރިކަމުގެ ހަގީގީ މޫރިތިކަން ދެކެން ބޭނުންވާ ކަމުގައި ވަންޏާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ވެރިކަމަށް ޖުމްހޫރީ ޕާޓީ ހޮވައިދެއްވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

"އެހެންކަމުން ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ވެރިކަމުގެ މޫރިތިކަން ހާގީގީ މާނައިގައި ދެކިވަޑައިގަންނަން ބޭނުންފުޅުވާ ނަމަ އެ ފުރުސަތު އަޅުގަނޑަށާއި ޖުމްހޫރީ ޕާޓީއަށް ދެއްވުން ކީއްތޯ." ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދީ ގައުމާއި ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދިނުމަށް ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެގެންދިޔައީ ހީކުރެއްވި ގޮތަކަށް ނޫން ކަމަށެވެ. ވެރިކަމުގެ ބާރު އިތުރަށް ވަރުގަދަ ކުރަން ހަދައި، ނަހަމަ ގޮތުގައި މުއައްސަސާތަކާއި ދައުލަތުގެ މުދާތައް ބޭނުން ކުރުމުން ގެއްލުންވީ ރައްޔިތުންނަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

2008 ވަނަ އަހަރު އަދި 2013 ވަނައަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ގާސިމް ވަނީ ވާދަކުރައްވާފައެވެ. ފުރަތަމަ ފަހަރު 2008ވަނަ އަހަރު 27,056 ވޯޓު ހޯއްދެވިއިރު ދެވަނަ ފަހަރު 2013 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވާދަކޮށް 48,131 ވޯޓު ހޯއްދެވިއެވެ.