މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި 55 މީހުން ޖަލުން މިނިވަންވެފައިވާ ކަމަށާއި ޖަލަށްލާފައިވަނީ 36 މީހުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަންސާވިސް އިން އާންމު ކޮށްފައިވާ އެޕްރީލް މަހުގެ ތަފާސް ހިސާބުތަކަށް ދައްކާ ގޮތުން ޖަލަށް ލީ މީހުންގެ ތެރެއިން 33 މީހުންނަކީ ޖަލަށް ލާން ހުކުމް ކޮށްގެން ހުކުމް ތަންފީޒު ކުރުމަށް ގެންދެވުނު މީހުންނެވެ. އަދި އަނެއް ތިން މީހުން ބަންދުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެނެވެ.

ޖަލަށް މީހުން ލާފައިވާ މައްސަލަތަކަށް ބަލާ އިރު؛ 57.6 ޕަސެންޓް މީހުން ޖަލަށް ލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. ދެން އެންމެ ގިނަ މީހުން ޖަލަށްލާފައި ވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައެވެ. މިފަދަ މައްސަލަތަކުގައި ޖަލަށް ލާފައިވަނީ 12.1 ޕަސެންޓް މީހުންނެވެ. އިތުރަށް ޖަލަށްލި މީހުންގެ ތެރޭގައި އެންފައިސާ ނުދެއްކުމާއި، މީހުންނަށް އިންޒާރު ދިނުމާއި، ގެއްލުން ދިނުމާއި، ކުޑަކުދިންނާ ބެހުން ފަދަ މައްސަލަކުގައި ބައިވެރިވާ މީހުން ހިމެނިފައިވެއެވެ.

އޭޕްރީލް މަހު ދޫކޮށްލީ 55 މީހެކެވެ. މިމީހުންގެ ތެރޭގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ 31 މީހުން ހިމެނެއެވެ. ބާކީ 24 މީހުންނަކީ ކޯޓުއަމުރުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންނެވެ.

މިނިވަންވި 31 ގައިދީންގެ ތެރެއިން 16 ގައިދީންނަކީ ހުކުމް ތަންފީޒުކޮށް ނިމުމުން ދޫކޮށްލި މީހުންކަމަށާއި ބާކީ 12 ގައިދީން ދޫކޮށްލީ ކްލެމެންސީގެ ދަށުންކަމަށްވީއިރު ޕެރޯލް ފުރުސަތުގައި މިނިވަންވެފައިވަނީ ތިން ގައިދީން ކަމަށް ކަރެކްޝަން ސާވިސް އިން ބުނެފައިވެއެވެ.