މިޑްފީލްޑަރު ޕެޑްރޯ ރޮޑްރީ ދެވަނަ ހާފުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑުން އިންޓަމިލާން 0-1 އިން ބަލިކޮށް، ކްލަބުގެ ތާރިހުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައި މެންޗެސްޓަރ ސިޓީ ތާރިހީ ކާމިޔާބީއެއް މިރޭ ހޯދައިފިއެވެ.

ތުރުކީގެ އިސްތަންބޫލްގެ އަތާތުރުކް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ސިޓީގެ ލަނޑު ފެނިގެންދިޔައީ މެޗުގެ 67 ވަނަ މިނެޓުގައެވެ. އޭގެ ކުރިން ފުރަތަމަ ހާފުގައި ލިބުނު އަނިޔާއަކާއި ގުޅިގެން ސިޓީގެ ތަޖުރިބާކާރު މިޑްފީލްޑަރު ޑިބްރޭނާގެ ބަދަލުގައި ފިލް ފޯޑެން ކުޅެން އަރުވަން ޖެހުނެވެ.

ސިޓީގެ ތާރިހީ ލަނޑު ރޮޑްރީ ކާމިޔާބު ކުރަނީ. ފޮޓޯ: އޭއެފްޕީ

ސިޓީ މޮޅުވިނަމަވެސް، ލަނޑު ޖަހާނެ އެންމެ ރަަނގަޅު ފުރުސަތުތައް މިމެޗުގައި ލިބުނީ އިންޓަމިލާނަށެވެ. އެކަމަކު ފޯވާޑް ރޮމެލޫ ލުކަކޫ އާއި މާޓިނޭޒް އަދި މިޑްފީލްޑަރު ޑިމާކޯ އާއި ނިކޮލާ ބަރެއްލާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ. މީގެ ތެރެއިން ޑިމާކޯ ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގޯލުގެ މަތީ ދަނޑިއެވެ. ހުހަށްހުރެ މާޓިނޭޒް އާއި ކުކަކޫ ފޮނުވާލި ހަމަލާ ސިޓީގެ ކީޕަރު އެންޑަސަން ދިފާއު ކުރީއެވެ. ހުހަށް އޮތް ގޯލަށް ހާފުގެ މެދަށްވުރެ ސިޓީގެ އޭރިޔާ އާއި ކައިރިން ބަރެއްލާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މިކާމިޔާބީއާއެކު ސިޓީ ވެގެން ގޮސްފައި ވަނީ އިނގިރޭސި ކްލަބުތަކުގެ ތެރެއިން އެއްސީޒަނެއްގައި 3 ތަށި (އެފްއޭ ކަޕް/ލީގް/ ޗެމްޕިއަންސް ލީގް) ކާމިޔާބު ކުރި ދެވަނަ ކްލަބަށެވެ. ކުރިން މިރެކޯޑް އޮތީ 1999 ވަނަ އަހަރު ސަރ އެލެކްސް ފާގަސަންގެ މެންޗެސްޓަރ ޔުނައިޓެޑް އަތުގައެވެ.

ސިޓީއަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިނުމަށްފަހު ގާޑިއޯލާ ތައްޓާއެކު.

ސިޓީގެ މިކާމިޔާބީއާއެކު އެންމެ ހާއްސަ ޝަރަފްތަކެއް ލިބޭ ފަރާތަކީ ކޯޗް ޕެޕް ގާޑިއޯލާއެވެ. ގާޑިއޯލާ ވެގެން ގޮސްފައި ވަނީ 2 ކްލަބާއެކުު އެއްސީޒަނެއްގައި 3 ތަށި ހޯދި ޔޫރަޕުގެ ފުރަތަމަ ކޯޗަށެވެ. ގާޑިއޯލާގެ މިފަދަ ފުރަތަމަ ކާމިޔާބީއަކީ 2008/09 ސީޒަނުގައި ބާސެލޯނާއާއެކު 3 ތަށި ހޯދުމެވެ.

ސިޓީއަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކުރެވިފައި މިވަނީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީ އިންވެސްޓްމަންޓް ގްރޫޕުން އެކްލަބް ގަނެ އަދި 2016 ވަނަ އަހަރު ކޯޗަކަށް ޕެޕް ގާޑިއޯލާ ހަމަޖައްސުމަށްފަހު ކުޅުންތެރިން ގަތުމަށް މިހާތަނަށް 1.6 ބިލިޔަން ޑޮލަރު ހޭދަކޮށްގެންކަން ފާހަގަ ކޮށްލެވެއެވެ.

މެންޗެސްޓަރ ސިޓީގެ ޗެއާމަން ޝެއިޚް މަންސޫރު (ކ).

ސިޓީއިން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމާއެކު، އިނގިރޭސިވިލާތަށް ނިސްބަތްވާ 6 ކްލަބަކަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކުރެވުނީއެވެ. މިކްލަބުތަކަކީ އެސްޓަންވިލާ، ނޮޓިންހަމް ފޮރެސްޓް، ލިވަޕޫލް، މެންޗެސްޓަރ ޔުނައިޓެޑް އަދި ޗެލްސީއެވެ. ޖަރުމަނާއި އިޓަލީ އަދި ނެދަލޭންޑްސްގެ 3 ކްލަބަކުން ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައިވާއިރު ސްޕެއިނުން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރެވިފައި ވަނީ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް އެކަންޏެވެ.