އިންޑިޔާ މީހުން ރާއްޖޭ ހިފާނެވާހަކައާއި އިންޑިޔާ މީހުން ރާއްޖެ ރައްކާތެރިކޮށްދޭނެ ވާހަކަ އެންމެ ގިނައިން އަޑުއިވެނީ ރާއްޖޭގެ މިނިވަންކަމުގެ މައުޟޫޢަކު ނޫނެވެ. ސިޔާސީ ހޮޅުއަށިތަކުގައެވެ. ނަފުރަތު ނުވަތަ ލޯބި ހޯދައިދިނުމުގެ ނިޔަތުގައެވެ. ޕާޓީ ސިޔާސަތުގެ ޝައުގުގައެވެ. ނުވަތަ ލީޑަރ ތަސްބީހައިގެ ކަލިމައެއްގެ ގޮތުގައެވެ.

ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އޮފީސްކައިރީ ކުނިކޮށްޓާ އިންވެގެން އޮންނަ އެއް ކިލޯމީޓަރުގެ ސަރަހައްދުގެ ތެރޭގައި ހަދަމުންދާ އިމާރާތް ބިރުވެރިތަނެއްގެ ގޮތުގައި މީސްމީޑިއާގައި ސިފަކޮށް ވާހަކަދެކެވެއެވެ. އެތަނުގެ ނުރައްކަލުވާހަކަ ދެކެވެއެވެ. ބިރުވެރި ކިއްލާއެއްގެ ގޮތުގައެވެ. އަޅުވެތިކަމާއި ނުރައްކަލުގެ ބިނާއެއްގެ ގޮތުގައެވެ. ޖާސޫސްކުރުމާއި ފޭރިގަތުމުގެ ރޭވުންތަކެއްގެ ސަބަބާއި ސިއްރުކަމުގައި ހިމެނޭ މަރުކަޒެއްގެ ގޮތުގައެވެ.

ބައެއް މީހުންނަކީ ދައުރުވަމުންދާ ޚަބަރާއި މައުލޫމާތަށް އަހުލުވެރި ބައެއް ނޫނެވެ. ބައެއް މީހުންނަކީ ނޫސްކިޔާ މީހުންނެއް ނޫނެވެ. ބައެއް މީހުންނަކީ ނޫހުގެ ސުރުޚީ އެކަނި ކިޔާމީހުންނެވެ. ބައެއް މީހުންނަކީ މިއިން ކަމަކަށް ނުބަލައި މީހުން ބުނާއެއްޗެއްގެ މައްޗަށް ނިޔަތް ތެދުކޮށް ވާހަކަދައްކާ މީހުންނެވެ. އަނެއްބައި މީހުންނަކީ މައެއް ބަފައެއް ނުވާ ވާހަކަތައް ވިއްސާ ފޫޅުމައިންނެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާ ބައިވެރިވުމެއް ނެތް ގޮތުގައި ހިތްހެޔޮ އިޚުލާސްތެރި، ގައުމު ދެކެ ލޯބިވާ މީހުން ވެސް ތިބެއެވެ. ދެކެވޭ ވާހަކަތަކުގެ ނޭއްގާނިކަމުގެ އެންމެ ނުބައި އަސަރެއް ކުރަނީ މިފަދަ މީހުންނަށެވެ. އައްޑޫގެ ބިރުވެރި ކިއްލާއެއް ފަދަ އިމާރާތާމެދު ހަގީގީ ކަންބޮޑުވުން އޮތީ މި މީހުންގެ މެދުގައެވެ. އަނެއް ބަޔަކު ހަގީގަތް ނުބަލައި ވާހަކަދައްކަނީއެވެ. އަނެއް ބަޔަކު ހަގީގަތް އެނގުނަސް އޮޅުވައިލައިގެން ވާހަކަދައްކަނީއެވެ.

އައްޑޫ އަތޮޅުގައި ބިރުވެރި ތަނެއް އިމާރާތްކުރެވެމުންދާ ވާހަކަ މީސްމީޑިއާގައި ދައުރުވުމުގެ ތެރެއިން މީހަކު ލައިފައިހުރި ވީޑިއޯއެއް ރައްޓެއްސެއްގެ ފަރާތުން ލިބުނެވެ. ސުވާލު ގޯންޏަކާއެކީގައެވެ. ވީޑިއޯއިން ފެންނަނީ އައްޑޫއަތޮޅުގައި ބިނާކުރަމުންދާ ފުލުހުން ތަމްރީނުކުރާ މަރުކަޒުގެ އިމާރާތެވެ. ސުވާލުކުރަނީ އެ އިމާރާތް ހުންނަ ތަނަކާމެދުގައެވެ. އިމާރާތާ މެދު މީހުން ކަންބޮޑުވާ ސަބަބާމެދުގައެވެ. އެއީ ބިރުވެރިތަނެއްތޯ ނުވަތަ ނޫންތޯ ޔަގީންކުރުމާމެދުގައެވެ. ސުވާލުތަކުގެ ބާވަތުންނާއި ރައްޓެހި މީހާގެ ގޮތް ބާވަތުން ކަށަވަރުވީ އެމީހާއަށް މި މައުޟޫޢުގައި ސައްހަ މައުލޫމާތު ލިބިފައިނެތްކަމެވެ.

ޖަވާބު އެނގޭ ސުވާލުތަކަށް ޖަވާބު ދިނީމެވެ. ނޭނގޭ ކަންކަމަށް ޖަވާބު ހޯދޭތޯ ބެލީމެވެ. އާންމު ކުރެވިފައިވާ މައުލޫމާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޖަވާބެއް ލިބެން އެބައޮތެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަހު ދެއްވި ޚިތާބުގައި ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެފައިވަނީ އައްޑޫ ސިޓީގައި މިހާރު ބިނާކުރަމުން އަންނަ، ފުލުހުންނަށް ތަމްރީނު ދޭ މަރުކަޒު، މިއަހަރުގެ ތެރޭ ހުޅުވޭނެ ކަމަށެވެ. އެތަނުގައި ފުލުހުން ތަމްރީނުކުރަން ފެށުމުން، ރައްޔިތުންނާ ގާތުން ޚިދުމަތް ދެވޭނެކަމަށެވެ. އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމަށް، ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. ބިރުވެރި ކިއްލާއެއްގެ ގޮތުގައި ސިފަކުރަމުން ދަނީ ރައީސް އެވިދާޅުވި ފުލުހުންނަށް ތަމްރީނުދޭ މަރުކަޒުގެ އިމާރާތެވެ.

ރައީސް މިހެން ވިދާޅުވިޔަސް މިއަހަރު އެތަން ނުހުޅުވޭނެކަން ކަށަވަރެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިމަހު އައްޑުއަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވީ މިހާރު މަސައްކަތް ކުރައްވަނީ އަންނަ އަހަރު މާރިޗުމަހު އެތަން ހުޅުވުމަށް ކަމަށެވެ. އެހެންނަމަވެސް އެއީ ވެސް ކަށަވަރު ކަމެއްނޫނެނެވެ. އެތަނުގެ މަސައްކަތުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެތަންހުޅެވޭނެ ކަމަށް ބެލޭ އެންމެ ހަގީގީ ތާރީޚު ކަނޑައަޅާނީ އެތަނާ ބެހޭގޮތުން ދެގައުމުގުޅިގެން އުފައްދާފައިވާ ކޮމިޓީ ބައްދަލުވުމަށްފަހު ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ދެން އޮތީ މި ޖަވާބާ މެދު ޝައްކު އުފެއްދުމެވެ. އައްޑޫ އަތޮޅު ކަހަލަ ތައުލީމީ ސިކުނޑިތަކެއްގެ ވެރި ރައްޔިތަކަށް މިފަދަ ކަމެއްގައި ސީދާސާދާ ބޮޑު ދޮގެއް ހެދުމަކީ ސިޔާސީ އަކު ނުކުރާނޭކަމެއްކަން ކަށަވަރެވެ. ކަމުގެ ހަގީގަތް އިސާހިތަކު އެނގޭނެތީއެވެ. އެއަށް އިޖާބަ އަންނާނޭގޮތް އެނގޭނެތީއެވެ. ސިޔާސީ މުސްތަގުބަލަކަށް އުންމީދު ކުރައްވާނެތީއެވެ. ފުލުހުން ތަމްރީނުކުރުމާއި އެތާގައި ކުރައްވާނެ ކަމަށް އިއުލާނު ކުރެވިފައިވާ މަސައްކަތް އެތާގައި ނުކޮށް ބަޔަކު ޑޮންޑޮން ކައްކާ ތަނަކަށް މި އިމާރާތް ހަދައިފި ހިނދެއްގައި އައްޑޫއަތޮޅުން އުފެދިގެން އަންނާނޭ އެންމެހައި ކަމެއް ދައުލަތް ހިންގަން ތިބޭ މީހުންނަށް އެނގޭނެތީއެވެ.

ގިނަ މީހުން ޖެހިލުންވެ ބިރުގަންނަނީ އެއީ އިންޑިއާއިން ރާއްޖެއަށް އަތްގަދަކުރުމަށް އަޅަމުންދާ މިލިޓްރީ މަރުކަޒެއް ކަމަށް ބުނެ ވާހަކަ ފަތުރާތީއެވެ. އެތަން ހިންގާނީ ދިވެހި ސަރުކާރާއި ދިވެހިން ވައިވެސް އެޅުނަ ނުދީ އަމިއްލަ ތަނެއްގެ ގޮތުގައި ކަމަށްބުނާތީއެވެ. އެތަނުން ދިވެހީންނަށްވުރެ ބޮޑަށް ފުރުސަތު ވެސް ލިބޭނީ އިންޑީއާ މީހުންނަށް ކަމަށް ބައެއް މީހުން ބުނެއެވެ. މިހުރިހާ ވާހަކަތަކެއް ސީޕީ ހަމީދު ވަނީ މުތުލަގަށް ދޮގުކުރައްވައިފައެވެ. އެތަނަކީ ސީދާ އައްޑޫ ސިޓީ ކައުންސިލްގެ ވެސް ދައުރެއް އޮވެގެން ހިންގާނެ ތަކަށް ހައްދަވާނެ ކަމަށް ވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.

މި މަރުކަޒުގެ ސަބަބުން އިންޑިއާއަށް ވެސް ފައިދާތަކެއް ވާނެއެވެ. ރާއްޖެއާއެކު ބަދަހިވާ ގުޅުމަކީ އިންޑިޔާގެ ޚާރިޖީ ސިޔާސަތަށް ފަހިވެގެންވާ ކަމެކެވެ. ދުނިޔޭގެ މަސްރަހުގައި އިންޑިޔާއަށް ތާރީފު ލިބޭނޭ ކަމެކެވެ. ބޮޑު ގައުމަކަށް މިވަރު ވެސް ފުދޭނެއެވެ.

މާލޭގެ ވަށައިގެން ލައިފައިވާ ބޮޑުތޮށިން ޖަޕާނު މީހުން ކުރަނީ ކޮންކަމެއް ހެއްޔެވެ؟ ރާއްޖޭގެ ކޮންމެ އަތޮޅަކު އެޅި އަތޮޅު މަދަރުސާގެ އިމާރާތުގައި ކިޔެވީ ޖަޕާނު މީހުންގެ ދަރިން ހެއްޔެވެ؟ މާލޭގެ ސޯޝަލް ސެންޓަރާއި ބައެއް ސްކޫލް އިމާރާތް ފަދަ ތަންތަނާއި ޕޯސްޓަލް ބިލްޑިންގު ފަދަ ތަންތަން ބޭނުންކުރަނީ ޖަޕާނުންހެއްޔެވެ؟

ސިނަމާލޭ ރަހުމަތްތެރިކަމުގެ ބުރިޖުން ދަތުރުކުރަނީ ޗައިނާ މީހުންހެއްޔެވެ؟ ދިވެހިންނަށް އެތަނުން ފުރުސަތެއް ނުލިބޭހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބަކީ ނޫނެކެވެ. އެހެންކަމުން އައްޑޫ އިމާރާތުގައި ހަމައެކަނި އިންޑިޔާ މީހުންނަށް ޚިދުމަތް ލިބެންވީ ސަބަބެއް ނެތެވެ.

ބޮޑެތި ގައުމުތަކުން އެހީ ދިނުމުގައި އޮލަކޮށް އޮންނަ ބައެއް އަބަދުވެސް އޮންނާނެކަމީ ކަށަވަރުކަމެކެވެ. އެހެންކަމުން މި އިމާރާތް އަޅައިދިނުމުގައި އިންޑިޔާގެ ވެސް ޚާއްސަ ޝައުގެއް އޮންނާނެއެވެ. ފަހަރުގައި އެއީ ޗައިނާއަށް ނުވަތަ ޕާކިސްތާނަށް އެ ފުރުސަތު ނުދިނުން ކަމަށް ވުމީ ވެސް ވެދާނޭ ގޮތެކެވެ. ނަމަވެސް އެބުނާހައި ބޮޑު ބިރުވެރިކަމެއް އައްޑޫގައި ހިންގަން އިންޑިޔާއަށް ވެސް އަދި އެހެން ގައުމަކަށް ވެސް އަދުގެ ދުނިޔޭގައި މަސްލަހަތު ނެތްކަން ގަބޫލުކުރަންޖެހެއެވެ.

ބިރުވެރި ކިއްލާއެއް ކަމަށް ހަދައިގެން އުޅޭ މި އިމާރާތަކީ އިންޑިއާ ސަރުކާރުގެ ހަދިޔާއެކެވެ. ދިވެހީންނަށް ދޭ ހަދިޔާއެކެވެ. ސަރުކާރުން ކަށަވަރުކޮށްދޭ ގޮތުގައި އެތަނުން ތަމްރީން ވެގެން ނުކުންނާނީ ދިވެހި ދަރީންނެވެ. އެއަށްފަހު އެމީހުންވާނީ ފަޚުރިވެރި ދިވެހި ފުލުހުންނަށެވެ. އެއަށްފަހު އެމީހުންގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފެތުރިގެންދާނެއެވެ.

މި މަޝްރޫއަށް ޖުމްލަ 42 މިލިއަން ޑޮލަރު ޚަރަދުވެއެވެ. އޭގެތެރެއިން ކޮންމެވެސް ވަރެއް ދިވެހި ސަރުކާރުން ވެސް ޚަރަދު ކުރެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ވެސް ވަނީ އެތަނަށް ޚަރަދު ކުރުމަށް 11 މިލިއަން ރުފިޔާ ހިމަނާފައެވެ. މިތަނަށް ކުރާ ޚަރަދުގެ ބޮޑު ބައެއް ހިފަނީ އިންޑިއާ ސަރުކާރުންނެވެ. ޚަރަދުގެ ބޮޑު ބައެއް ހިފަނީ އިންޑިއާ ސަރުކާރުންނެވެ. މިއީ ގައުމުން ބޭރުގައި އިންޑީއާއިން ހިންގާ އެންމެ އަގުބޮޑު އެއް މަޝްރޫއު ކަމަށްވެއެވެ. އެތަނުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2016 ވަނައަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މިއީ ސައިހޮޓާ ޖެނެރަލުން ގައުމުގެ ދިފާއުގައި ވާހަކަދައްކާއިރު ހަނދާންކުރަންޖެހޭ ތާރީޚެކެވެ. 8 ފެބްރުއަރީ 2012 އިން 17 ނޮވެމްބަރު 2018 އަށް ރާއްޖޭގައި އޮތީ މިހާރު ވެރިކަމުގައި ތިބި ސިޔާސީ ފަރާތްތަކާ ދިމާ އިދިވިސްނުމުގެ ސަރުކާރެކެވެ. އިންޑިޔާއާ މެދު ނުނިޔަތްލީ މީހުންގެ ސަރުކާރެކެވެ. މިހާރު ބާރުގައި ތިބި މީހުން ޗައިނާއާ މެދު ނުނިޔަތްލާ ބީދައިންނެވެ. މިފަދަ ހާލަތެއްގައި އެބުނާ ކަހަލަ ބިރުވެރި ކިއްލާއެއް ރާއްޖޭގައި ހެދުމަކަށް އޭރުގެ ސަރުކާރުން އާނބަސް ނުބުނާނޭކަން ކަށަވަރެވެ.

ސައިހޮޓާ ޖެނެރަލުންނާއި ކޮފީ މުހައްލިލުން ދަންނަންވީ އެއްކަމަކީ ސިންދު ކަނޑުގެ މަސްލަހަތުގައި އިންޑިޔާއާއި ޗައިނާގެ ދައުރެވެ. މި ދެގައުމުން ކޮންމެ ގައުމަކީ އަނެއް ގައުމަކުން އުފައްދާ ކޮންމެ ވިހައެއްގެ ވިހައިގެ ބޭހެވެ. ތިރްޔާޤެވެ. އެންޓިޑޮޓްސްއެވެ. މިވަރުން ފުދެންވާނެއެވެ.

ބިރުވެރި ކިއްލާއެއްގެ ގޮތުގައި ތިޔަ ސިފަކުރައްވާ މަރުކަޒުގައި ހުރީ ކޮންތަންތަނެއްތޯއެވެ؟ 400 މީޓަރުގެ ސިންތެޓިކް ޓްރެކެއް އެބައޮތެވެ. އެންމެ ޒަމާނީ ފެންވަރުގެ ޖިމެއް އެބަހުއްޓެވެ. ޖިމްނާސްޓިކް ދެ ހޯލާއި ރެޕަލިން ޓަވަރެއް އެބަހުއްޓެވެ. ވެހިކަލް މަރާމާތުކުރާނެ ވޯކްޝޮޕަކާއި،އިންޑޯ ޕްލޭ ގްރައުންޑަކާއި ކޮންފަރެންސް ހޯލެއް އެތާގައި އެބަ ހަދައެވެ. ކުލާސް ރޫމުތަކާއި، އެކޮމޮޑޭޝަން ބްލޮކޮސްތައް އެބަހުއްޓެވެ. އަންހެން އަދި ފިރިހެން ދަރިވަރުންނަށް ވަކީންނެވެ. މުދައްރިބުންގެ ތެރެއިން ވެސް އަންހެން ފިރިހެނުންނަށް ވަކީންނެވެ. ސްވިމިން ޕޫލަކާއި 300 މީހުންގެ ޖާގައިގެ މިސްކިތަކާއި ބޮޑު އޮޑިޓޯރިއަމެއް އެބަހުއްޓެވެ. ޕަވަރ ހައުސް އެއް އެބަހުއްޓެވެ. ފެންފަދަ އެއްޗެހި ރައްކާކޮށްފައި ބަހައްޓާނެ ޔުޓިލިޓީ ބިލްޑިންގެއް އެބަހުއްޓެވެ. ހެލްތު ސެންޓަރެއް އެބަހުއްޓެވެ. މި ސެންޓަރު ހަދަނީ އަންހެނުންނާއި ފިރިހެނުން ވަކިން އެޑްމިޓް ކުރެވޭ ގޮތަށެވެ.

މިއީ ބިރުވެރި އެއްޗެހި ހެއްޔެވެ؟ ނޫނީ ބިރުފިލައި "މަގުތައް ކޮށެވި އާރާސްތުވެވި އަންނަނަގޮތް" ވާން ހުރި އެއްޗެއްސާއި ތަންތަން ހެއްޔެވެ؟ ސަރުކާރުން ސިއްރުގޮތެއްގައި ރާއްޖޭގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭރުގެ ފަރާތްތަކަށް ދެވިދާނެ ހެއްޔެވެ؟

ނުދެވޭނެއެވެ. ނުދެވޭނެކަން ގާނޫނުއަސާސީގައި ސާފުބަހުން ކަޅާހުދުން ބަޔާންވެގެންވެއެވެ. އައްޑޫ ރައްޔިތުންގެ ގާބިލުކަމާއެކު ގާނުއަސާސީ ނަގަހައްޓާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެން ނުވާނެއެވެ.
ޤާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ނ)

މި އިމާރާތުގެ އެންމެ ނުރައްކާތެރި ވާހަކައަކަށް ބައެއް މީހުން ދައްކާ އެއް ވާހަކައަކީ ހެލިޕެޑެއްގެ ވާހަކައެވެ. އިންޑިޔާ މީހުން ހައްލާ ބޯލް ގޮވާށާއި ކަބައްޑި ކުޅެން ކުދިން ގޮވައިގެން އަންނަ ހެލިކެޕްޓަރު ޖައްސަން އޮންނަ ހެލިޕެޑެއްގެ ވާހަކައެވެ. ނަމަވެސް މި އިމާރާތުގައި ހެލިޕެޑެއް ނޯންނަކަން ކަމާބެހޭ ފަރާތްތަކުން ޔަގީންކޮށްދެއެވެ.

އައްޑޫ ސިޓީގައި ހަދަމުން ގެންދާ ޕޮލިސް ތަމްރީން މަރުކަޒު: ފޮޓޯތައް ހަލި

އެމްއެސް ސްރީ އަވަންތިކާ ކޮންޓްރެކްޓަރޒް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތްކުރާ މި މަރުކަޒު ނިނުމުން ގައުމީ އެތުލެޓިކްސް މުބާރާތްތައް ވެސް އެތަނުގައި ބޭއްވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ސްކޫލްތަކުގެ ކެޑޭޓުން ތަމްރީން ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ. އަދި ސަރުކާރުގެ މުއައްސަސާތަކުން ބާއްވާ އެކިއެކި ވޯކްޝޮޕްތަކާއި ސެމިނާރ އާއި ޓްރެއިނިން ޕްރޮގްރާމްތައް ވެސް ބޭއްވޭނެއެވެ. އޭގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުލަބުޖަމިއްޔާ ޖަމާއަތްތަކުން ބާއްވާ ހަރަކާތްތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. އައްޑޫގެ އިތުރުން އެހެން އަތޮޅުތަކަށްވެސް އެފުރުސަތު އޮންނާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ހަދަމުން ގެންދާ ޕޮލިސް ތަމްރީން މަރުކަޒު: ފޮޓޯތައް ހަލި

މިތަން ނިމި ޚިދުމަތް ދޭން ފެށުމުން އެތަން ވެގެންދާނީ އައްޑުއާއި މުޅި ރާއްޖެ ވެސް ފަޚުރުވެރިވާ 100 ޕަސެންޓު ދިވެހިންގެ ތަނަކަށެވެ. އައްޑޫ ފަސްގަނޑުގައި ހުރި ތަނަކަށެވެ. ދިވެހި ފުލުހުން ތަމްރީންކުރާ މަރުކަޒަށެވެ. ދޮގު ވާހަކަތަކުގެ ސަބަބުން ގުޖަޑު ނުއުފެދި އަދާހަމައަށް މިއައީ މި ތަފުސީލުތައް އައްޑޫ ރައްޔިތުންނަށް ސާފުކޮށް އެނގޭތީއެވެ. މިއީ އިންޑިއާ ސިފައިންގެ މިލިޓަރީ ބޭހެއް ނޫންކަމުގެ 100% ޔަގީންކަން އައްޑޫ ރައްޔިތުންނަށް ދެއްވާ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީނެގެން ނުވާނެއެވެ.