އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، އިމާދުއްދީން ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށް ފަޔަރ އެވެއާނެސް ޕްރޮގްރާމެއް ހިންގައިފިއެވެ.

މިއަދު ހެނދުނު 09:00 މެންދުރު 12:00 އަށް ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންޖެހޭނެ ގޮތްތަކާއި، އެފަދަ ހާދިސާތަކުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާނޭ ގޮތާއި، އަލިފާން ރޯވަން މެދުވެރިވާ ސަބަބުތައް ވަނީ ދަސްކޮށްދީފައެވެ.

މީގެ އިތުރުން އަލިފާން ނިއްވަން ބޭނުންކުރާ ބައެއް އާލާތްތައް ބޭނުންކުރާނެ ގޮތްތަކާއި އަދި ފަޔަރ ބްލޭންކެޓް ބޭނުންކޮށްގެން އަލިވާން ނިއްވަން ބައިވެރިން ވަނީ ފަރިތަކޮށްފައެވެ.

އިމާދުއްދީން ސްކޫލުގެ 40 ދަރިވަރުންނާއި 25 ޓީޗަރުން ބައިވެރިވި މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންނެވެ.