ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން(އެސްޓީއޯ) އިން ރާއްޖޭގެ އެކިހިސާބުތަކަށް ތެލުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ބޮޑެތި މަސައްކަތްތަކެއް އަބަދުވެސް ދަނީ ކުރަމުންނެވެ. އޭގެ ތެރެއިން އެެންމެ ބޮޑަށް ފާހަގަ ކުރެވިގެންދާ ކަމަކީ ފަސޭހައިން ހެޔޮ އަގުގައި ތެޔޮ ލިބޭނޭ އިންތިޒާމް ރާއްޖޭގެއެކި ކަންކޮޅުތަކުގައި އެފްއެސްއެމުން ކުރަމުންދާކަމެވެ. އަތޮޅުތެރޭގެ ރަށްތަކުގައި ތެޔޮ މަރުކަޒުތައް އުފެއްދުމަކީ އެރަށެއްގެ ރައްޔިތުންނަށާއި މުޅި އަތޮޅަށްވެސް ލިބިގެންދާނެ ފަސޭހަތަކެއްކަން ކަށަވަރެވެ. މީގެ ތެރެއިންވެސް ހާއްސަކޮށް މަސްވެރިންނަށް ހަމަ އަގު ހޯދަދިނުމަށް އެސްޓީއޯއިން ހަމަޖައްސަމުން ގެންދާ ނިޒާމަކީ އެމީހުން އަމިއްލައަށް ކުރަން ޖެހޭ ހަރަދުން ބޮޑުތަން އުނިވެ ފައިދާ ބޮޑުވާނެ ނިޒާމެކެވެ.

މީގެކުރިން މަސްވެރިންނަށް، މަސްކިރާފައި، ފައިސާ ލިބެނީ ތެލަށް ވާ ފައިސާ އުނިކޮށްފައެެވެ. އެގޮތަކީ މީގެ ކުރިން މިފްކޯއިން މަސްކިރާއިރު ތެލަށްވެސް އަދަދެއް ކަނޑައެޅިގެން ނެގޭތީއެވެ. ނަމަވެސް މަސްވެރިންނަށް ކިރާ މަހުގެ ފައިސާ ތެލަށް ނުކަނޑާ، ލިބިގެންދާ ގޮތަށް މިފްކޯއަށް އެފްއެސްއެމްއާ ގުޅިގެން ވަނީ ހެޔޮބަދަލެއް ގެނެސްފައެވެ.

އެތަކެއް އަހަރަކުއްސުރެ ކިރުވާ މަހަށް ތެޔޮ ބިލަށް ކެނޑުމަށް ފަހު ބާކީ އޮންނަ އެއްޗަކުން މަސްވެރިންނަށް ފައިސާ ލިބުނު ދުވަސް މާޒީވެދިޔައީއެވެ. އެފްއެސްއެމްއާއި މިފްކޯއާ ދެމެދު ވެވުނު އެއްބަސް ވުމެއްގެ ދަށުން މިކަމަށް ހައްލު ގެނެސްދީފިއެވެ. ކްރެޑިޓް ސްކީމެއްގެ ތެރެއިން މަސްވެރިންނަށް އެފްއެސްއެމުން މިހާރު ދަނީ ސަބްސިޑަރީ އަގަކަށް ތެޔޮ ފޯރުކޮށްދެމުންނެވެ.

މިފަދަ ކިތަންމެ އެހީތެރިކަމަކާއި ރައްޔިތުންނަށް އޮތް މަންފާތަކެއް އެސްޓީއޯއިން ދަނީ ފޯރުކޮށްދެމުންނެވެ. ދެން އެންމެ އަވަސް ފުރުސަތެއްގައި ދިވެހިންނަށް ލިބިގެންދާނެ އުފާވެރި ފަހުރަކީ އެސްޓީއޯއިން ބައިނަލްއަގްވާމީ ބަންކަރިންގ ހިދުމަތްތައް ފެށިގެންދިއުމެވެ.

އެސްޓީއޯއަކީ ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމުގައި އެންމެ ގާތުން އެންމެ އެހީތެރިކަމާއެކު ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ. ތެލުގެ ވިޔަފާރީގައި ކުރިއަރައި ދުވަހެއް ދުވަހަކަށް އެކި ގޮތްގޮތުން ކާމިޔާބީ ހާސިލު ކުރަމުންދާއިރު އެސްޓީއޯއިން އެންމެ ބޮޑަށް ސަމާލުކަން ދެނީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް އެހީތެރިކަމާއެކު ގާތުން މިހިދުމަތް ދިނުމަށް ކަން ފާހަގަކުރެވެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތައް ގެންނަމުންދާނެ ކަމަށް އެ ކުންފުނިން ވަނީ ކުރިންވެސް ބުނެފައެވެ. މިހާތަނަށް މިއަަހަރުގެ ތެރޭގައިވެސް އެސްޓީއޯއިން ވަނީ ތެލުގެ އަގަށް ބަދަލުތަކެއް ގެނެސްފައެވެ. ހުސްވި މެއި މަހު ތެލުގެ އަގަށް ގެނައި ހެޔޮ ބަދަލަށްފަހު މިއީ މިއަހަރު އަނެއްކާވެސް އެސްޓީއޯއިން ތެލަށް ގެނައި ހެޔޮ ބަދަލެކެވެ.

މީގެ އެއްމަސް ކުރިން ޕެޓްރޯލު ގަންނަން ލިބުނީ ލީޓަރެއް 16.95 ރުފިޔާއަށެވެ. ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޕެޓްރޯލް ލީޓަރަކުން 1.25 ރުފިޔާ އަގުހެޔޮކޮށްފައިވާއިރު ޑީސަލް އިންވެސް ވަނީ އަގަށް ހެޔޮ ބަދަލެއް ގެނެސްފައެވެ. އެއްމަސް ކުރިން ޑީސަލް ލީޓަރެއްގެ އަގަކީ 15.97އަށް ކަމަށްވިޔަސް މިދިޔަ މަސްދުވަހުގެ ތެރޭގައި ޑީސަލްގެ އަގު ލީޓަރަކުން 1.24 ރުފިޔާ އެވަނީ އަގު ހެޔޮކޮށްދީފައެވެ. އެހެންކަމަށްވުމާއެކު ޕެޓްރޯލް ލީޓަރެއްގެ އަގަކީ 15.70 ރުފިޔާއެވެ. ޑީސަލް ލީޓަރެއްގެ އަގަކީ 14.73 ރުފިއެވެ.