ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައި ވުމުން، މައްސަލަ ނިމެންދެން މަޖިލީހުގެ ރިޔާސަތުން ނަޝީދު ތަނާޒުލު ވެއްޖެއެވެ.

އެމަނިކުފާނު، މަޤާމުން ވަކި ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ 54 މެމްބަރުންގެ ސޮޔާއެކުއެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 56 މެމްބަރުން ތިއްބަވާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުންނެވެ.

މިމައްސަލާގައި މަޖިލީހުގެ ރައީސް މިއަދު އަމީން އާންމަށް ފޮނުވި ސިޓީގައި ވިދާޅުވީ އެމަނިކުފާނު ނިސްބަތްވާ ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ގިނަ މެންބަރުންތަކެއް ސޮއިކުރައްވާ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިދިޔަ ބުދަ ދުވަހުގައި ހުށަހަޅާފައި ވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމައްސަލައަށް ވަކިގޮތެއް ނިމުމާއި ހަމައަށް، މަޖިލިހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އެމަނިކުފާނު އުޒުރުވެރިވާ ކަމަށާއި. މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން އެމަނިކުފާނަށް މި އިހްތިޔާރު ލިބޭކަމުގައި ކަަމަށެވެ.

މީގެ އިތުރުން ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވަކިގޮތެއް ނިންމުމާއި ހަމައަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުން އެއްކިބައިވީނަމަވެސް، މަޖލީހުގެ ޤަވާއިދު ބަޔާންކުރާ މިންވަރުގައި، މަޖިލިހުގެ އެންމެހާ ކަންކަން ހިންގުމުގައި ދެމިހުންނާނެ ކަމުގައެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ހިނގަމުންދާއިރު އަމީން އާންމުގެ މަސްއޫލިއްޔަތު ތަކަށާއި ވާޖިބުތަކަށް ކުޑަކޮށްވެސް ހުރަސްއެޅޭ ބާވަތުގެ އެއްވެސް ކަމެއް ނުކުރާކަމުގެ ޔަގީންކަން ނަޝީދު ވަނީ ދެއްވާފައެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މަޤާމުން ވަކި ކުރަން މަޖިލީހުން މާދަމާ ބާއްވަން ލާޒިމު ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހެނީ ގަވާއިދުގައިވާ ގޮތުން އެ މަޖިލީހުގެ ރައީސެވެ.