ދަރުސްތަކުގައި ވާހަކަދެއްކުމުގައި ވަކިމީހަކަށް ތާއީދު ހޯދަން ނުވަތަ ވަކި މީހަކަށް ތާއީދު ގެއްލޭ ގޮތަށް ވާހަކަދައްކައިގެން ނުވާނެ ކަމަށް ރިޔާސީ އިންތިހާބު 2023 ގެ ގަވާއިދުގައި ބުނެފިއެވެ.
އިއްޔެ އިލެކްޝަންސް ކޮމިޝަންސް(އީސީ)އިން އާއްމު ކުރި ގަވާއިދުގައި ބުނެފައިވާ ވަނީ ދީނީ އެކި މުނާސަބަތުތަކާއި ދީނީ ދަރުސްތަކާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށެވެ. ހަމައެެހެންމެ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށާއި އަދި އިސްލާމްދީނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ވަކި ޖިންސެއްގެ މީހަކަށް ވާތީ ނުވަތަ އިސްލާމްދީނުގައި ވަކި މަޒުހަބަކަށް އުޅެންމުންދާ ކަމަށް ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާތީ އެއީ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ވޯޓު ނުދިނުމަށް އޮތް ސަބަބެއް ކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެ ކަމަށްވެސް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ވޯޓު ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ ހަދިޔާދީ ހަދައިގެން ނުވާނެ ކަމަށް ގަވާއިދުގައި ވަނީ އަންގާފައެވެ. މީގެ އިތުރުން މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން ނުވާނެކަމަށްވެސް އީސީގެ މިގަވާއިދުގައި ބުނެފައިވެއެވެ. އަދި މިފަދަ އެއްވެސް ކަމެއް ކޮށްދިނުމަށް ހުށަހަޅައިގެންވެސް ނުވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރު ކުރުވައިގެން ނުވާނެކަމަށް ކަނޑައަަޅައި އަންގާފައިވެއެވެ. އަދި ބިރުދެއްކުމުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެ ކަމަށް ވެސް ގަވައިދުގައި ވަނީ ބުނެފައެވެ.
އެއްވެސް ގޮތަކުން ތައުލީމީދާއިރާ ހިމެނޭހެން ކެމްޕެއިން ނުކުރުމަށް އެންގުމުގެ ގޮތުން އީސީއިން ނެރުނު މިގަވާއިދުގައި ބުނާ ގޮތުގައި ސްކޫލްތަކާއި މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ކިޔަވައިދޭ ތަންތަނާއި އިޖުތިމާއީ ކަންކަން ހިންގާ ތަންތަން ފިޔަވައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތަކާއި އެ އިދާރާތަކުގެ ގޯތިތެރެ އިންތިހާބަށް ކެމްޕޭނު ކުރުމަށް ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް އީސީގެ ގަވާއިދުގައި ބުނެއެވެ.
ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި އެއްވެސް މީހެއްގެ އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ. އަދި ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރު ކޮށްގެން އަދި ބިރުދެއްކުމުގެ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެ ކަމަށް ވެސް މިގަވާއިދުގައި ވަނީ ބުނެފައެވެ.