ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ކޮވިޑް ވެކްސިން ޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އާ އަހަރުގެ މުނާސަބަތުގައި އެމަނިކުފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އާ އަހަރު ބައްދަލު މިކުރަނީ އުންމީދުތަކަކާއެކު ކަމަށާއި އެއީ ކޮވިޑްގެ ވެކްސިން ހަލުވިކަމާއެކު ލިބި، މި ނުރައްކާތެރި ވައިރަހުން އެއްކޮށް ސަލާމަތްވާނެކަމުގެ އުންމީދު ކަމަށެވެ. އެހެންކަމުން ވެކްސިން ލިބުނުހާ އެންމެ އަވަހަކަށް ހުރިހާ ރައްޔިތުންވެސް ވެކްސިން ޖެހުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ 2020 ވަނަ އަހަރު ވެގެން މިދިޔައީ އެހެން އަހަރުތަކާ އަޅާބަލާއިރު، ވަރަށް ވެސް ތަފާތު އަހަރަކަށް ކަމަށާއި ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދިރިއުޅުމުގެ ކަންކަން ހުއްޓުމަކަށް އައި ކަަމަށެވެ. ފަތުރުވެރިކަން އިންތިހާއަށް ދަށަށްގޮސް، ގިނަ ބައެއްގެ ވަޒީފާ އާއި އާމްދަނީ ގެއްލި، ސްކޫލްތައް ބަންދުކޮށް އަދި ގާތްތިމާގެ މީހުން މި ދުނިޔެ ދޫކޮށްދިޔަ ކަމަށެވެ. މިއަހަރަކީ ގިނަ މީހުން ހަނދާންކުރަން ބޭނުންވާނެ އަހަރެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރުތައް ދެނެގަތުމަށްޓަކައި ކޮވިޑާ ގުޅިގެން ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ކުރާ ހަރަދުތަކާއި ހިލޭ އެހީ އާއި ފައިނޭންޝަލް އޮޑިޓްތައް ތައްޔާރުކުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުން ކުރި ބުރަ މަސައްކަތުން، ކޮވިޑާ ގުޅިގެން ދައުލަތުގެ ބަޖެޓުން ކުރެވޭ ހަރަދުތަކަށް ފާރަވެރިވެވުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރިސޯޓުތަކުގެ އޮކިއުޕެންސީއާއި މަސް ވިއްކޭ އަދަދު މައްޗަށް ދިޔަޔަސް ދައުލަތުގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޗައިނާ އިން ނަގާފައިވާ ލޯނުތައް ފަސްކޮށްދެއްވުމަކީ އުންމީދެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެންމެ ހެޔޮ، ރަނގަޅަށް ނަފާވާ ހާލަތުގައި ދަރަނި އަދާ ނުކުރެވޭއިރު އަދި މި ހާލަތުގައި ދަރަނި އަދާ ނުކުރެވޭނެ އެވެ. އަޅުގަނޑުމެންގެ އުންމީދަކީ ޗައިނާއިން އަނގަބަހުން ވެފައިވާ ވައުދުތައް ފުއްދައި ދަރަނިތައް އަދާ ކުރުމުގައި ލުއި ގޮތް ހޯދައިދިނުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންނަމަވެސް، އަންނަ އަހަރާމެދު އެމަނިކުފާނު ކުރައްވާ އުންމީދުތައް ވަރަށް ބޮޑު ކަމަށާއި، ދިވެހީންނަކީ އަބަދުވެސް ދަތި އުނދަގޫ މަގު ހުރަސްކޮށް ކާމިޔާބު ހޯދާ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރިއަށް އޮތް އަހަރަކީ މި އަހަރަށް ވުރެ އެއްބައިވަންތަ އަހަރަކަށް ވުމަށް އެދޭ ކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރަކީ ފާއިތުވި ދުވަސްތަކުގައި ސޯޝަލް މީޑިއާއިން ފެނުނު އަނިޔާވެރިކަމާއި ދެކޮޅުވެރިކަމުގެ ހިޔާލުތަކަށް ޖާގަ ނުދީ، އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށް، އަމާން، ހުރިހާ އެންމެނަށް އިހުތިރާމް ކުރާ ސުލްހަވެރި މާދަމާއަކަށް ދަތުކުރާނެ އަހަރަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ކުރިއަށް އޮތް އަހަރަކީ ބައިބައިވުމަށް ޖާގަ ނުދީ ހިޔާލު ފާޅުކުރުމާއި، ތަފާތު ހިޔާލުތަކުގެ ފަރާތްތަކާއެކުވެސް މަޝްވަރާކޮށް ކަންކަން ނިންމުމުގެ ވިސްނުން އިސްކުރާނެ އަހަރަކަށް ވުމެވެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.