ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދިޔަ އިންޓަ ސްކޫލް 13 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ އަހްމަދިއްޔާ 3-0 އިން ބަލިކޮށް ކަލާފާނުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ކަލާފާނުން ލީޑް ނެގީ 7 ވަނަ ސިކުންތުގައެވެ. މިލަނޑު ޖެހީ ކެޕްޓަން ހުސައިން އިލްހާމް އިބްރާހިމެވެ. ބެލެވޭ ގޮތުގައި މިއީ ރާއްޖޭގެ ރަސްމީ ފުޓްބޯޅަ މުބާރާތެއްގެ ތާރިހުގައި ޖެހި އެންމެ އަވަސް ލަނޑެވެ.

ދުނިޔޭގެ ރެކޯޑަށް ބަލާއިރު، އެންމެ އަވަށް ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ޖަރުމަނު ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ލޫކަސް ޕޮޑޮލްސްކީ އަތުގައެވެ. ރަހްމަތްތެރި ކަމުގެ މެޗެއްގައި 2013 ވަަނަ އަހަރު އިކްއެޑޯރ ކޮޅަށް އޭނާ ލަނޑު ޖެހީ މެޗް ފަށައިގެން 6 ވަނަ ސިކުންތުގައެވެ.

ކަލާފާނު 13 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން އިލްހާމް. ފޮޓޯ: މިހާރު.ކޮމް

ކޯޗް މުހައްމަދު ފަރީދް (ފަރިއްޓެ) އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ކަލާފާނުން ވަނީ މެޗް ކޮންޓްރޯލްކޮށް ލަނޑު ޖަހާނެ ދެތިން ފުރުސަތު ފުރަތަމަ ހާފުގައި ހޯދާފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑް ފުޅާކޮށްލަން ލިބުނީ ވިފާގް ޖާދުﷲ އަށެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އަހްމަދިއްޔާ ގޯލުގެ ދަނޑިއަށެވެ.

ދެވަނަ ހާފުގައި އަހްމަދިއްޔާއިން ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައް ކުރިއެވެ. އެކަމަކު ކަލާފާނުގެ ޑިފެންސް ފޫއަޅުވާލެވޭނެ ގޮތެއް ނުވިއެވެ. ކަލާފާނުން ޗެމްޕިއަންކަން ޔަގީން ކުރީ މެޗް ނިމެން ދަނިކޮށް އިލްހާމް އާއި މުހައްމަދު ނަޝަމް ނިޔާޒްގެ ލަނޑުންނެވެ. މީގެ ތެރެއިން އިލްހާމް ކާމިޔާބު ކުރި ލަނޑަކީ މިފަހަރުގެ މުބާރާތުގައި ފެނިގެންދިޔަ އެންމެ ހިތްގައިމު އެއްލަނޑެވެ. ހާފުގެ މެދަކާ ހިސާބުން އިލްހާމަށް ލިބުނު ބޯޅަ ގޯލަށް ޖެހީ އަހްމަދިއްޔާގެ ކީޕަރު ކައިރިންވެސް ނައްޓާލުމަށްފަހުއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ އިލްހާމެވެ.

ކަލާފާނުން ޗެމްޕިއަންކަން ހޯދުމާއެކު އެންމެ ހާއްސަ އުފަލެއް ލިބުނީ ކޯޗް ފަރިއްޓެއަށެވެ. އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަހަރު، 17 އަހަރުން ދަށާއި 15 އަހަރުން ދަށުގެ ފައިނަލަށްވެސް ކަލާފާނު ސްކޫލް ގޮވައިން ފަރިއްޓެ ފައިނަލަށް ދަތުރު ކުރިއެވެ. އެކަމަކު ދެފައިނަލުންވެސް ބަލިވީއެވެ.

"ކަލާފާނު ގޮވައިގެން ކުރިން ދެފައިނަލަށް ދެވި ތަށީގައި އަތްނުލެވި މިއޮތީ. މިރޭ ކަލާފާނަށް ޗެމްޕިއަންކަން ހޯދައިދެވުމުން ހަގީގަތުގައި ވަރަށް ބޮޑު އުފަލެއް ލިބިގެން މިދިޔައީ މިތައްޓާއެކު އަޅުގަނޑު ދެކެމުން ދިޔަ އުއްމީދު ހާސިލް ކުރެވިއްޖެ. ހަގީގަތުގައި ޗެމްޕިއަންކަން ހޯދުމަށް ވަރަށް ބުރަކޮށް ކުޅުންތެރިން ގޮވައިގެން މަސައްކަތް ކުރެވުނު. އަޅުގަނޑުމެން ޗެޕިއަންކަން މިހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ބައިކޮޅަށް އެންމެ ގޯލެއްވެސް ނުވަދެ. އަޅުގަނޑު ދެކޭ ގޮތުގައި މިހާސިލް ކުރެވުނީ ވަަރަށް ބޮޑު ކާމިޔާބީއެއް" ސަސް އެކަޑަމީ ހިންގުމުގައިވެސް އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ކޯޗް ފަރިއްޓެ ބުންޏެވެ.

ފަރިއްޓެ އިތުރަށް ބުނީ ކަލާފާނު ސްކޫލްގެ 13 އަހަރުން ދަށު ޓީމުގައި މުސްތަގުބަލުގައި ރާއްޖޭގެ ފުޓްބޯޅައިގައި ފިޔަޖަހާލާނެ ފެންވަރު ހުރި ކުދިން އެބަތިބި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިކުދިން އިތުރު މުބާރާތްތައް ކާމިޔާބު ކުރާނެކަމާމެދު ޝައްކެތް ނެތް ކަމަށްވެސް ފަރިއްޓެ ބުންޏެވެ.

ފަރިއްޓެ ބުނީ ޗެމްޕިއަންކަން ލިބުމުގައި ކަލާފާނު ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ދައުރު ބޮޑު ކަމަށާއި މިއީ ކަލާފާނު ދެކެ ލޯބިވާ އެންމެން ގުޅިގެން ހޯދުނު ކާމިޔާބީއެއް ކަމަށެވެ.

މިރޭގެ ފައިނަލުގައި ކަލާފާނުގެ ސަޕޯޓަރުންތަކެއް ޓީމަށް ތަރުހީބް ދެނީ. ފޮޓޯ: މިހާރު.ކޮމް

"އަޅުގަނޑަށް ކުރި އިތުބާރަށް މިފުރުސަތުގައި ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. ޗެމްޕިއަންކަން ލިބުމުގައި ސްކޫލް މެނޭޖްމަންޓާއި ބެލެނިވެރިން އަދި އަޅުގަނޑާއެކު ކޯޗިންގ ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރި ހުރިހާ ކޯޗުންނަށް ޝުކުރު އަދާ ކުރަން" ތަށި ލިބުމުން ވަރަށް ބޮޑަށް އުފާވެފައި ހުރެ ފަރިއްޓެ ބުންޏެވެ.