ޕެޝާވަރު (ޖޫން 11) - އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސަލާމަތީ ޗެކްޕޮއިންޓަކަށް ހަނގުރާމަވެރިން ބަޑިން ދިން ހަމަލާއެއްގައި ޕާކިސްތާނުގެ ސިފައިންގެ 3 މީހުން މަރުވެއްޖެކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން އިތުރަށް ބުނެފައި ވަނީ ޗެކްޕޮއިންޓަށް ހަނގުރާމަވެރިން ހަމަލާ ދިނުމުން ރައްދުގައި ޕާކިސްތާން ސިފައިން ހަމަލާދިން ކަމަށާއި އަދި ހަނގުރާމަވެރިންގެ ތެރެއިން 3 މީހަކު މަރާލައި ހަތަރު ހަނގުރާމވެރިޔަކު ޒަހަމް ކޮށްލެވިފައިވާ ކަމަށެވެ.

މިހާދިސާ ހިނގާފައި ވަނީ ޕާކިސްތާނުގައި ހަރަކާތްރެރިވާ ތާލިބާނުންގެ ކުރީގެ ވަރުގަދަ ޖަމާއަތެއް ކަމަށްވާ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގެ އުތުރު ވަޒީރިސްތާން ޑިސްޓްރިކްޓްގެ މިރާން ޝާހް ގަބީލާ ސަރަހައްދުގަ އެވެ.

ޕާކިސްތާނު ސިފައިން ވަނީ އެ ހަމަލާގެ ޒިންމާ އުފުލި ޓީޓީޕީގެ ހަނގުރާމަވެރިން ހޯދުމުގެ އޮޕަރޭޝަންތައް ފެށިކަން އިއުލާން ކޮށްފައެވެ. ހަނގުރާމަވެރިން ހަތިޔާރު ރައްކާ ކުރާ ކަމަށް ބެލެވޭ ގުދަނެއް ވަޒީރުސްތާނުން ފެނިފައިވާ ކަމަށްވެސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެއެވެ.

އުތުރު ވަޒީރިސްތާނުން ހަނގުރާމަވެރިން ފައްސާލާފައިވާ ކަމަށް ޕާކިސްތާނުން އަސްކަރިއްޔާއިން ބުނި ނަމަވެސް ދޭތެރެ ދޭތެރެއިން ހަމަލާތައް ކުރިއަށްދާތީ ޕާކިސްތާނުގެ ތާލިބާނުން ނުވަތަ ޓީޓީޕީ އެ ސަރަހައްދުގައި އަލުން ރުކުރުވާލަމުންދާ ކަމުގެ ކަންބޮޑުވުންތައް އުފެދެ އެވެ. ވަކި ޖަމާއަތެއް ނަމަވެސް ޓީޓީޕީ އަކީ އަފްޣާންގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުންގެ ގާތް އެކުވެރިއެއްކަމަށް ޕާކިސްތާނުން ތުހުމަތު ކުރެއެވެ.