އިއްޔެ އަވަހާރަވި، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުﷲ ޖަމީލްގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފިއެވެ.

ހުސް ވަގުތުކޮޅަކަށްފަހު މަޖިލިސް ފައްޓަވަމުން، އަބްދުﷲ ޖަމީލްގެ ހަނދާނުގައި މިއަދު މެންދުރުފަހު 2:00 އިން ފެށިގެން މަޖިލިސް އިދާރާގައި ދަފުތަރު ހުޅުވާފައި ހުންނާނެ ކަމަށް މަޖިލިސް ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވިއެވެ.

އަބްދުﷲ ޖަމީލް އަވަހާރަވީ ގިނަ ދުވަސްތަކެއްގައި އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިއްޔެ ހެނދުނު މާލޭގައި އެބޭފުޅާގެ ގޭގައެވެ.

އަލްމަރްޙޫމް ޢަބްދުالله ޖަމީލުގެ ކަށުނަމާދުގަޔާއި ޖަނާޒާގައި އާއިލާގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލްގެ އިިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަ ދުވަހު ހިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޢަބްދުالله ޖަމީލަކީ 54 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ އެކި މަގާމުތަކުގައި ހުންނަވާ ދައުލަތަށް ގިނަގުނަ ހިދުމަތްތަކެެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ޢަބްދުالله ޖަމީލަށް "ނިޝާން އިއްޒުއްދީންގެ އިއްޒަތް" ގެ ލަގަބުވެސް އެރުވިފައިވެއެވެ. ޢަބްދުالله ޖަމީލަކީ ދައުލަތުގެ އެކި ވުޒާރާތަކުގައި ވަޒީރުކަން ކުރައްވައި އަދި ރައްޔިތުަންގެ މަޖިލީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.

ޢަބްދުالله ޖަމީލަކީ ރާއްޖޭގެ މަޝްހޫރު ޝާއިރު އަދި ދީނީ ޢިލްމުވެރިޔާ އަލްއުސްތާޒް މުޙައްމަދު ޖަމީލް ދީދީގެ ދޮށީ ދަރިކަލުންނެވެ.

އަބްދުالله ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި، ތިންދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިިގެން، ޖޫން 12 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 އިން ފެށިގެން ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު، 1:00 އާއި ހަމައަށް ގައުމީ ދިދަ ބައިދަނޑިއަށް ނެގުުމަށް ވަނީ ހަމަޖެހިފައެވެ.