ކުރިއަށް އޮތް ބްރާސްފަތި ދުވަހު އިންޑިޔާގެ ގުޖުރާތާއި މަހާރަޝްތުރާ ސްޓޭޓަށް އަރާނެ ކަމަށް ލަފާ ކޮށްފައިވާ ބާރުގަދަ ތޫފާން "ބިޕާޖޯއީ" ސަބަބުން އެދެސްޓޭޓް އެލާޓަށް ގެނެސްފިއެވެ.
ފަސްދޮޅަސް މިލިޔަން މީހުން ދިރިއުޅެމުން އަންނަ ގުޖުރާތު ސްޓޭޓަށް ގުގުރުމާއެކު ބޯކޮށްވާރޭވެހި އަދި އައްސޭރިފަށަށް މިހާރުވެސް ބޮޑެތި ރާޅުތައް ބިންދަމުން އަންނައިރު، ގުޖުރާތު ސްޓޭޓަށް ތޫފާން ބިޕާޖޯއީ އަރާނެކަމަށް ލަފާކޮށްފައި ވަނީ ބުރާސްފަތި ދުވަހު މެންދުރު ފަހުގެ ވަގުތެއްގައެވެ.
އަރަބި ކަނޑުގައި އުފެދިފައިވާ މިތޫފާނުގެ އަސަރު ޕާކިސްތާނުގެ ކަރާޗީގެ އަށްސޭރިފަށަށްވެސް ކުރާނެ ކަމަށާއި ތޫފާނުގައި މިހާރު ގަޑިޔަކު 125-135 މޭލު ބާރު މިނުގައި ވައިޖެހެމުން އަންނައިރު ގުޖުރާތު ސްޓޭޓަށް ތޫފާން އަރާއިރު ގަޑިޔަކު 150-160 މޭލުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށްވެސް އިންޑިޔާގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރެއެވެ.
ތޫފާން ބިޕާޖޯއީގެ ސަބަބުން މުމްބާއީގެ ވައިގެ ދަތުރުތަކަށްވެސް ރެއިން ފެށިގެން ވަނީ ބުރޫއަރާފައެވެ. އެތައް ސަތޭކަ ފަސިންޖަރުން މުމްބާއީ އެއާޕޯޓުގައި ތާށިވެފައިވާއިރު ތޫފާނާއި ގުޅިގެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރެއްވުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ކުއްލި ބައްދަލުވެއް މިއަދު 1 ޖަހާއިރު ބާއްވަވަން ހަމަޖެހިފައިވާ ކަމަށް އިންޑިޔާގެ މީޑިޔާ ރިޕޯޓުތައް ބުނެއެވެ.