ރިޔާސަތުގައި އިންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވަން ފެށްޓެވުމާއެކު މަޖިލިހުގައި އަޑުގަދަވެ މެންބަރުން އިހުތިޖާޖު ކުރަން ވަނީ ފަށާފައެވެ. އަދި އެމްޑީޕީ މަޖިލިސް މެންބަރުން ވަނީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފެށުމުން ޖަލްސާ ކުރިއަށް ނުގެންދެވިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލައިފައެވެ.
މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން، އެ ޖަލްސާގައި މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިޔުޝާ ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ މައްޗަށް ހުށަހަޅާފައިވާ އިތުރުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން، އެ ދެ ބޭފުޅުން ރިޔާސަތުގައި އިންނެވުމަށް ވަގުތީ ގޮތުން އުޒުރުވެރިވެވަޑައިގެން މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ނިޔުޝާ ވަނީ ހަސަން އަފީފަށް ދައުވަތު ދެއްވާފަ އެވެ.
އަފީފް ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ފެށުމާ އެކު އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ އަކަށްފަހު ނުކުތާއެއް ނަންގަވައި ޖަލްސާ ކުރިއަށް ގެންދިޔުމަށް ހުރަސް އަޅުއްވާފައެވެ.
އެގޮތުން ނިޒާމީ ނުކުތާގައި ފާހަގަކުރެއްވީ އަފީފް ރިޔާސަތާ ހަވާލުވެވަޑައިގެންވީ ގަވައިދާ ހިލާފަށް ކަމަށާއި އަފީފް ރިޔާސަތާ ހަވާލުވެވަޑައިގެންނެވީ، ގަވައިދުގެ ކޮން އުސޫލަކުންތޯ މެންބަރުން ވަނީ އައްސަވައިފައެވެ. އަދި ހަމައެއާއެކު އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޑުޖައްސާލާފައިވަނީ މަޖިލީހުގެ ގަވައިދުގެ ކޮން މާއްދާއަކުންތޯވެސް ސުވާލުކުރައްވާފައިވެއެވެ.
އޮނަވިހި، ވިހި ވަރަކަށް ނިޒާމީ ނުކުތާއަށް ފަހު، އަފީފް ވަނީ ޖަލްސާ މެދުކަނޑާލައްވާފައެވެ. މިއަދުގެ ޖަލްސާ ފެށުމުން ވެސް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން އަޑުގަދަކުރައްވައި ޖަލްސާއަށް ހުރަސް އަޅުއްވަމުންނެވެ. އެއާ އެކު، އަފީފް ވަނީ ނިޒާމް ގެއްލިފައިވާ ކަމަށް ވިދާޅުވެ، މިއަދުގެ ޖަލްސާ ނިންމަވާލައްވާފަ އެވެ.