އިޓަލީ 0-1 އިން ބަލިކޮށް، ފީފާ ވިހި އަހަރުންދަށުގެ ވަރލްޑް ކަޕް އުރުގުއޭއިން ފުރަތަމަ ފަހަރަށް ރޭ ކާމިޔާބު ކޮށްފިއެވެ.
އުރުގުއޭއިން ޗެމްޕިއަންކަން ކަށަވަރު ކުރީ މެޗުގެ 86 ވަނަ މިނެޓުގައި ފޯވާޑް ލޫސިއާނޯ ރޮޑްރިގޭޒް ކާމިޔާބު ކުރި ލަނޑުންނެވެ. ރޮޑްރިގޭޒަށް ފައިނަލް މެޗުގައި ކުޅެން ފުރުސަތު ލިބުނީ ގެމްބިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން ކުރިމަތިވި 2 މެޗުގެ ސަސްޕެންޝަނަށްފަހުއެވެ.
އާޖެންޓީނާގެ އެސްޓާޑިއޯ ސިއުޑާޑް ޑެ ލަ ޕްލާޓާގައި ގިނަ އަދަދެއްގެ އުރުގުއޭ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގައި އުރުގުއޭއިން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އުރުގުއޭއިން 15 ހަމަލާ އިޓަލީ ގޯލަށް ފޮނުވާލިއިރު އިޓަލީއަށް އުފެއްދުނީ އެންމެ 3 ހަމަލާއެވެ. މީގެތެރެއިން އެންމެ ހަމަލާއެއްވެސް ގޯލަށް އަމާޒުކޮށްލެވިފައެއް ނުވެއެވެ.
މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓާއި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިޓަލީގެ މިޑްފީލްޑަރު ސެސާރޭ ކަސަޑޭއެވެ. މިދިޔަ އަހަރުގެ އޮގަސްޓްމަހު އިންޓަމިލާނުން ޗެލްސީއަށް 15 މިލިޔަން ޔޫރޯއަށް ވިއްކާލި ސެސާރޭ ރަންބޫޓް ހޯދީ 7 ލަނޑު ކާމިޔާބު ކޮށްގެންނެވެ.
ފީފާއިން 20 އަހަރުން ދަށުގެ ވަރލްޑް ކަޕް ތައާރަފްކޮށް، މުބާރާތް ބާއްވަން ފެށީ މީގެ 46 ކުރިން ފެށިގެންނެވެ. މިހާތަނަށް 20 އަހަރުން ދަށުގެ 24 ވަރލްޑް ކަޕް ބާއްވާފައިވާއިރު އެންމެ ގިނައިން ޗެމްޕިއަންކަން ހޯދާފައިވަނީ އާޖެންޓީނާ (6 ފަހަރު) އެވެ.