ވިސާއާ ނުލާ ދިވެހިންނަށް ގެމްބިއާއަށް ދެވޭގޮތައް ހެެދުމަށް ރާއްޖެއާއި ގެމްބިއާއާ ދެމެދު ވިސާ ލުއިކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ދިވެހި އެމްބަސީގައި ބޭއްވި ހަފްލާގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސައުދީއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލެވެ. އަދި ގެމްބިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު ޖިބްރީލް ސޮލާހުއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެ އަންނަ ގެމްބިއާ މީހުންނަށާއި ގެމްބިއާއަށް ދާ ދިވެހިންނަށް 30 ދުވަހުގެ މުއްދަތަށް ވިސާއާ ނުލާ ދަތުރު ކުރެވޭނެގޮތް ހަދާފައިވެއެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ.

ވިސާއާ ނުލާ ދިވެހިންނަށް އެތެރެވެވޭނެ ގޮތަށް މި ސަރުކާރުން މިހާތަނަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ގައުމުތަކަކީ ތައިލެންޑާއި، ޔޫއޭއީއާއި، ރަޝިއާއި، މޮރޮކޯއާއި، ކަޒަކިސްތާނު، ޗައިނާ، އޮމާން، ރުވާންޑާ އަދި ގެމްބިއާއެވެ.

ގެމްބިއާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1989ގައެވެ.