ނުރައްކާތެރި ފޯވާޑް ކިލިއަން އެމްބައްޕޭ، މިހާރު ހިނގަމުން މިއަންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވިއްކާލުމަށް ޕީއެސްޖީން ނިންމައިފި ކަމަށް ފްރާންސްގެ މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

ފްރާންސްގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ޕީއެސްޖީއިން އެމްބައްޕޭ ވިއްކާލުމަށް ނިންމީ ކޮންޓްރެކްޓް އާކުރަން ބޭނުންނުވާ ކަމަށް ބުނެ ޕީއެސްޖީއަށް އެމްބައްޕޭ ސިޓީއެއް ފޮނުވުމުންނެވެ. ޕީއެސްޖީއާއެކު އެމްބައްޕޭ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވާނެއެވެ. އޭރުން ހިލޭ ޓްރާންސްފާއެއްގައި ކްލަބު ބަދަލު ކުރުމުގެ ފުރުސަތު އޭނާއަށް އޮންނާނެއެވެ. އެކަމަކު ޕީއެސްޖީއަށް މަންފާއެއް ނެތް ގޮތަށް އެމްބައްޕޭ ދިޔަ ނުދޭން އެކްލަބުން މަސައްކަތް ފަށާފައިވާ ކަމަށް ފްރާންސްގެ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރަން ބޭނުން ނުވާކަމަށް އެމްބައްޕޭ އެކްލަބަށް ރަސްމީކޮށް އަންގާފައި މިވަނީ، ރެއާލް މެޑްރިޑް ރައީސް ފްލޮރެންޓީނޯ ޕެރޭޒް، ދާދިފަހުން ދިން އިންޓަވިއުއްގައި އެމްބައްޕޭ އެކްލަބަށް ގެންނާނެ ކަމަށް ބުނެފައި ވަނިކޮށެވެ. ޕެރޭޒް ވަނީ މީގެ ކުރިން 3 ފަހަރެއްގެ މަތިން އެމްބައްޕޭ އެކްލަބަށް ގެނައުމަށް މަސައްކަތް ކޮށްފިއެވެ. ޕީއެސްޖީ ދޫކޮށްލާނަމަ އެމްބައްޕޭ ފެނުމުގެ ފުރުސަތު ހަމައެކަނި އޮތީ ރެއާލް މެޑްރިޑުން ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެއެވެ.