ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ރިޔާސަތާ ހަވާލުވާނެ މީހަކު ނެތުމުން މަޖިލީހުގެ ޢަމީން ޢާންމު ފާތިމަތު ނިޔުޝާ ވަނީ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަން އިއުލާނުކުރެއްވުމަށްފަހު، މިއަދުގެ ޖަލްސާ ވަނީ ކެންސަލް ކޮށްފައެވެ.

އެކަން އިއުލާނު ކުރައްވަމުން ނިއުޝާ ވިދާޅުވީ މިއަދުގެ އެޖެންޑާގައި އޮތީ މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަމަށާއި މަޖިލީހުގެރައީސް މުހައްމަދު ނަޝީދު ރިޔާސަތުން އެކަހެރިވެވަޑައިގެންފައިވާތީ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނެ ގޮތެއް ކަނޑަނޭޅެނީސް، އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާ ކުރިއަށްގެންދެވެން ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ އެމްޑީޕީގެ 50 މެމްބަރުންގެ ސޮޔާއެކުއެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީވެސް އެ މައްސަލަ އެކަންޏެވެ.

ޖަލްސާ ފެށޭގަޑި ޖެހުނު އިރުވެސް ރިޔާސަތަށް އެއްވެސް ބޭފުޅަކު ވަޑައެއްނުގަންނަވައެވެ.

އަމީން އާއްމު ނިއުޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާނަމަ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށް ނުގެންދެވި ކެންސަލް ކޮށްފައިވާއިރު އިއްޔެ ޖަލްސާގެ ރިޔާސަތާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ހަވާލުވެލައްވައި މަޖިލިސް ފެއްޓެވި ނަމަވެސް ޖަލްސާ ކުރިއަށް ނުގެންދެވިގެން ވަނީ ހުއްޓާލަންޖެހިފައެވެ.