ނޭޓޯ، 1949 ވަނަ އަހަރު އުފެދުނު ފަހުން މިހާތަނަށް އެޖަމާއަތުން ހިންގާ ވަރުގަދަ އެންމެ ވަރުގަދަ އަސްކަރީ ތަމްރީންތައް "ޑިފެންޑާ 23" ގެ ނަމުގައި އިއްޔެ ފަށައިއެވެ.

ހުޅަނގާއި އެމެރިކާ ގުޅިގެން އުފައްދާފައިވާ ނޭޓޯ ޖަމާއަތުން މިފެށި ވައިގެ އަސްކަރީ ތަމްރީންތަކުގައި 250 މަތިންދާ ބޯޓް ބައިވެރިވާއެވެ. އެމެރިކާއިން އެކަނިވެސް 100 މަތިންދާ ބޯޓް މި އަސްކަރީ ތަމްރީންތަކަށް ވަނީ ފޮނުވާފައެވެ.

މިތަމްރީންތައް ބާއްވަަމުން ދަނީ އަދި ތަމްރީންތައް ލީޑް ކުރަނީ ކަޅު މާޒީއެއް އޮތް ޖަރުމަނުންނެވެ. މި އަސްކަރީ ތަމްރީންތަކުގައި ނެޓޯ އާއި އެކުވެރި ދައަލަތްތަކުން ޖުމްލަ 25 ގައުމު ބައިވެރިވާ ކަމަށް ޖަރުމަނުގެ އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ ތެރޭގައި ނޭޓޯގެ މެމްބަރަކަށް ވުމަށް މަސައްކަތް ކުރަމުން އަންނަ ސްވިޑަން އާއި ނޭޓޯގެ މެމްބަރަކަށް ނުވިނަމަވެސް، އެޖަމައާތާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޖަޕާންވެސް ހިމެނެއެވެ. ޖަޕާނަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގެ ބައިވެރިއެކެވެ.

ތަމްރީންތައް ކުރިއަށް ގެންދަނީ ޖަރުމަނުގެ ވައިގެ 6 އެއާބޭސްއެއް ބޭނުންކޮށްގެން، ޖަރުމަނުގެ އުތުރާއި އިތުރު ކަނޑު ހިމެނޭ ސަރަހައްދާއި އެގައުމުގެ އިރުމަތީ ހިސާބުތަކުގައެވެ.

10،000 ސިފައިންނާއެކު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހިންގާ ވައިގެ މިއަސްކަރީ ތަމްރީންތަކާ ގުޅޭ ގޮތުން ޖަރުމަނުގެ ވައިގެ އަސްކަރިއްޔާއިން ބުނެފައި ވަނީ މިތަމްރީންތަކުގެ ބޭނުމަކީ ނޭޓޯގެ ގައުމެއްގެ ވައިގެ ސަރަހައްދަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އެކަމަށް ރައްދު ދިނުމަށް ހިންގާ އަސްކަރީ ތަމްރީންތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖަކީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސު ދިފާއު ކުރެވޭނެކަން” ޖަރުމަނުގެ ލުފްޓްވާފޭގެ ލެފްޓިނެންޓް ޖެނެރަލް އިންގޯ ގެރްހާޓްޒް ހޯމަ ދުވަހު ޖަރުމަނުގެ ރަސްމީ މީޑިޔާއަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވި އެވެ.

ނޭޓޯއިން އެޖަމާއަތުގެ ތާރިހުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ވައިގެ އަސްކަރީ ތަމްރީން ފަށާފައި މިވަނީ، ނެޓޯއަށް ވަނުމަށް ޔޫކްރައިނުން ކުރަމުންދިޔަ މަސައްކަތްތަކާމެދު ހިތްހަމަ ނުޖެހިގެން ރަޝިޔާއިން ޔޫކްރައިނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދެމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވި ފަހުންނެވެ.

ރަޝިޔާ އާއި ޔޫކްރައިނާ ދެމެދު ކުރަމުން އަންނަ ހަނގުރާމައިގައި ހުޅަނގުން ޔޫކްރައިނަށް ހަތިޔާރާއި އެހެނިހެން މަދަދު ފޯރުކޮށްދެމުން އަންނައިރު، ރަޝިޔާއިން ބުނަމުން ދަނީ ރަޝިޔާގެ ބަނޑުދޮށުގައި އޮވެ، ނޭޓޯއާ ގުޅުމުގެ ފުރުސަތު ޔޫކްރައިނަށް ނުދޭނެ ކަމަށާއި ޔޫކްރައިން ނޭޓޯއަށް ވެއްދުމުގެ ވިސްނުން އެޖަމައާތުން ދޫކޮށްލަން ޖެހޭ ކަމަށެވެ.