ޗެލްސީއަށް ކުޅެމުންދިޔަ ފްރާންސްގެ ބައިނަލްއަގުވާމީ މިޑްފީލްޑަރު އެންގްލޯ ކަންޓޭ، ދެއަހަރުގެ އެއްބަސްވުމެއްގެ ދަށުން ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަން އަލް އިއްތިދަށް މިއަދު ސޮއި ކޮށްފިއެވެ.

ކަންޓޭ، އިއްތިހާދަށް ސޮއި ކުރީ ސީޒަނަކަށް 100 މިލިޔަން ޔޫރޯއަށެވެ. މިއެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓް 1 އަހަރަށް އިތުރު ކުރުމުގެ ފުރުސަތު ކަންޓޭއަށް ލިބިދެއެވެ.

ފްރާންސާއެކު 2018 ގެ ވަރލްޑް ކަޕް، ޗެލްސީއާއެކު އިނގިރޭސި ޕްރިމިއަރ ލީގާގައި ޔުއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައިވާ ކަންޓޭ،32، އިއްތިހާދުގެ ކުޅުންތެރިއެއްގެ ގޮތުގައި ބްރާސްފަތި ދުވަހުގެ ރޭ ދައްކާލާނެ ކަމަށް ސައުދީގެ ބައެއް ރިޕޯޓުތައް ބުނެއެވެ.

ކަންޓޭއަކީ އިއްތިހާދުން ކުރިއަށް އޮތް ސީޒަނަށް ގެނައި ދުނިޔޭ ފެންވަރުގެ 2 ވަނަ ތަރިއެވެ. މީގެ ހަފްތާއެއްހައި ދުވަސް ކުރިން އެކްލަބުން ވަނީ ރެއާލް މެޑްރިޑުގެ ކެޕްޓަން، ފްރާންސްގެ ކަރީމް ބެންޒީމާ އެކްލަބަށް ގެނެސްފައެވެ.

ސައުދީގެ ބައެއް ކްލަބުތަކުން މިވަގުތު ފާރަލަމުން ދަނީ މެންޗެސްޓަރ ޔުނައިޓެޑުގ ކީޕަރު ޑޭވިޑް ޑެހާ އާއި ރެއާލްއިން ދޫކޮށްލާފައިވާ ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑަށެވެ.