އޭނާގެ ކެރިޔަރުގެ މިހިސާބުގައި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ ހާސިލް ކުރުން މުހިއްމު ކަމެއްގެ ގޮތުގައި ނުދޭ ކަމަށާއި އަދި ކުރިއަށް އޮތް ވަރލްޑް ކަޕުގައި ކުޅުމުގެ ޝައުގުވެރިކަންވެސް ނެތް ކަމަށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބުނެފިއެވެ.

މެސީ މިހެން ބުނެފައި މިވަނީ އޭނާގެ ކެރިޔަރުގައި މިހާތަނަށް ނުލިބި އޮތް ހަމައެކަނި ކާމިޔާބު ކަމުގައިވާ ފީފާ ވަރލްޑް ކަޕް މިދިޔަ އަހަރު އާޖެންޓީނާއަށް ކާމިޔާބު ކޮށްދީ އަދި ޔޫރަޕުގެ ފުޓްބޯޅަ ދޫކޮށް އެމެރިކާގެ އިންޓަމިއާމީއަށް މިދިޔަ ހަފްތާގައި ބަދަލުވުމަށްފަހުއެވެ.

"ބެލޮންޑިއޯ އަހަންނަށް މުހިންމުތަ؟ ނޫން، އަހަރެންގެ ހަޔާތުގެ މި މަރުހަލާގައި، އެއީ އަހަންނަށް މިހާރު މުހިންމު އެއްޗެއް ނޫން. އަހަރެން އަބަދުވެސް ބުނަމުން އައީ، ވަކިވަކި ކާމިޔާބީއަކީ އަހަންނަށް މުހިންމު އެއްޗެއް ނޫން ކަމަށް. މުހިއްމު ކާމިޔާބީއަކީ ޓީމެއްގެ ގޮތުގައި ހޯދޭ ކާމިޔާބު ކަމަށް" މިވަގުތު އެންމެ މުހިއްމު ކާމިޔާބީއަކީ ނުވަތަ އިނާމަކީ ވޯލްޑް ކަޕް. މިއީ އަހަރެން ކެރިޔަރުގެ އެންމެ ބޮޑު އިނާމު" މެސީ ބުންޏެވެ.

"އަހަރެން ކުރިންވެސް ބުނިން ގަތަރު ވަރލްޑް ކަޕަކީ އަހަރެންގެ އެންމެފަހުގެ ވަރލްޑް ކަޕް ކަމަށް. މުސްތަގުބަލުގައި ކަންތައް ވާނެ ގޮތް ބުނެދޭކަށް ނޭނގޭ. އެކަމަކު ކުރިއަށް އޮތް ވަރލްޑް ކަޕުގައި ކުޅުމުގެ އެއްވެސް ޝައުގެއް ނެތް" އެމެރިކާގައި 2026 ވަނަ އަހަރު އޮންނަ ވަރލްޑް ކަޕުން ފެނިދާނެތޯ އެހުމުން މެސީ ބުންޏެވެ.

ކެރިޔަރުގައި މިހާތަނަށް 7 ބެލޮންޑިއޯ މެސީ ކާމިޔާބު ކޮށްފައިވާއިރު، މިއަހަރުވެސް ބެލޮންޑިއޯ ހާސިލް ކުރާނީ ކްލަބް ލެވެލް އާއި ގައުމީ ޓީމުގައި ހުރިހާ ކާމިޔާބެއް ހާސިލް ކޮށްގެން ހުރި މެސީ ކަމަށް ތަޖުރިބާކާރުން ދެކެއެވެ. މިއަހަރުގެ ބެލޮންޑިއޯ ހަފްލާ އޮންނާނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ ގައެވެ.