އަލްޖަރީޒާ: ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ޔޫކްރައިނުން ފަށާފައިވާ ކައުންޓަރ އޮފެންސިވްގައި ރަޝިޔާގެ މަތީ އޮފިސަރަކު މަރުވެފައިވާ ކަމަށް ރަޝިޔާގެ އޮފިޝަލަކު އިއުތިރާފްވެއްޖެއެވެ.

ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ޔޫކްރައިނުގެ ދެކުނު ޒަޕޮރިޒިއާ ސަރަހައްދުގައި ހަރަކާތްތެރިވާ އޮފިޝަލެއް ކަމުގައިވާ ވްލަޑިމިއާ ރޮގޯވް އަންގާރަ ދުވަހު ވިދާޅުވީ ރަޝިޔާގެ 35 ވަނަ ބްރިގޭޑުގެ ސިފައިންގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް ސާގޭ ގޮރިއަޗޭވް މީގެ އެއް ދުވަސް ކުރިން ޒާޕޮރިޒިއާ ފްރަންޓްގައި މަރާލާފައިވާ ކަމަށެވެ. އޭނާ މަރުވެފައި ވަނީ ޔޫކްރައިނުން ދިން ވަރުގަދަ މިސައިލް ހަމަލާތަކެއްގައި ކަމަށް ޔޫކްރައިނުގެ ރިޕޯޓްތައް ބުނެއެވެ.

އެކަމަކު ގޯރިޔާޗޭވް މަރުވި ޚަބަރާ ގުޅޭ ގޮތުން ރަޝިޔާގެ ޑިފެންސް މިނިސްޓްރީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އުމުރުން 52 އަހަރުގެ ގޮރިޔާޗޭވް ވަނީ ޗެޗްނިޔާ ހަނގުރާމައިގައި ހަނގުރާމަކޮށް، ޓެންކް ބްރިގޭޑެއްގެ ކޮމާންޑްކަން ކޮށްފައެވެ. އަދި ތަޖިކިސްތާނުގައި ހުރި ރަޝިޔާގެ އަސްކަރީ މަރުކަޒު ބެލެހެއްޓުމުގެ ޒިއްމާވެސް އަދާކުރައްވާފައެވެ. މީގެ އިތުރުން މޮލްޑޯވާއިން ވަކިވެގަތުމަށް މަސައްކަތް ކުރާ އަދި ރަޝިޔާއަށް ތާއީދުކުރާ ސަރަހައްދު ކަމަށްވާ ޓްރާންސްޑްނިއެސްރިއާގައި ހަރަކާތްތެރިވި ރަޝިޔާގެ ސިފައިންގެ އިސް ކޮމާންޑަރެއް ގޮތުން ގޯރިޔާޗޭވް ހަރަކާތްތެރިވި ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ބުނެ އެވެ.

ގޮރިޔާޗޭވް މަރުވެފައިވާނަމަ، އޭނާ ވެގެންދާނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރައިނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ރަޝިޔާ ސިފައިން ތެރެއިން މިހާތަނަށް މަރުވި އެންމެ މަތީ ފަންތީގެ އޮފިސަރަށެވެ.

ޔޫކްރައިނާއި ޔޫކްރައިނަށް ތާއިދުކުރާ އިނގިރޭސިވިލާތާއި އެމެރިކާގެ ރިޕޯޓްތައް ބުނާ ގޮތުން ރަޝިޔާއާ ދެކޮޅަށް ޔޫކްރައިނުން ފަށާފައިވާ ކައުންޓައޮފެންސިވްގައި މިހާތަނަށް ރަޝިޔާ ސިފައިންނަށް ޔޫކްރައިނުން ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި ރަޝިޔާއިން ހިފާފައިވާ ޔޫކްރައިނުގެ 7 ސަރަހައްދެއް މިނިވަން ކުރެވިފައިވާ ކަމަށްވެސް ޔޫކްރައިނުގެ ސަރުކާރުން ބުނެއެވެ.