ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް އެޖެންޑާކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާ އެކު ސަރުކާރާ ދެކޮޅު މެންބަރުން ރިޔާސަތައް ހުރަސް އެޅުމުން، މަޝްވަރާއަށް ޖަލްސާ މެދު ކަނޑާލައިފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެފައިވާތީ, މިއަދު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

މީގެ އިތުރުން، ޖަލްސާ ފެށުމާއެކު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި އެޖެންޑާ އޮތީ ގަވާއިދާ ޚިލާފަށް ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް ނިޒާމީ މައްސަަލަ އިއްވުމަށް އެތައް ފުރުސަތެއް އެރުވުމުން ވެސް އަލީ އާޒިމް ގެންދެވީ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންނަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.

އަދި، ކުއްލި މައްސަލަ ހުށަހަޅަން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރަށް ދެއްވި ފުުރުސަތުގައި ވެސް އަލީ އާޒިމް ވަނީ އާދަމް ޝަރީފްގެ މައިކު ކައިރިއަށް ވަޑައިގެން ވާހަކަ ދައްކަވަން މަސައްކަތް ކޮށްފައެވެ.

އެހެންވެ، މަޝްވަރާ ކުރުމަށް މަޖިލީހުގެ ޖަލްސާ ވަނީ މެދުކަނޑާލައިފައެވެ.