ޖަރުމަނުގެ ބްރޯޝިޔާ ޑޯޓްމަންޑަށް ކުޅެމުންދިޔަ އިނގިރޭސި ގައުމީ ޓީމުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް 6 އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑަށް މިއަދު ސޮއި ކޮށްފިއެވެ.

ރެއާލްއިން ބެލިހަމްގެ ސޮއި ހޯދީ 103 މިލިޔަން ޓްރާންސްފާ ފީގެ ގޮތުގައި ބްރޯޝިޔާ ޑޯޓްމަންޑަށް ދިނުމަށްފަހުއެވެ.

އިނގިރޭސިވިލާތުގެ ބާމިންހަމް ސިޓީއިން ކެރިޔަރު ފެށި ބެލިންހަމް،19، ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުމަށް ބާއްވާ ހާއްސަ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައެވެ.

އެންމެފަގެ ވަރލްޑް ކަޕުގައި އިނގިރޭސި ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ބެލިހަމް، ޑޯޓްމަންޑް ދޫކޮށްލުމަށްފަހު ބުނީ މިދިޔަ 3 އަހަރު އެކްލަބުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯބި ހަނދާން ނުނެތޭނެ ކަމަށެވެ. އަދި ކްލަބުގެ ވެރިން އޭނާއަށް ކޮށްދިން ކަންތައްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އެހެން ޖާޒީއެއް ލައިގެން މުސްތަގުބަލަށް އުއްމީދުތަކެއް ކުރިނަމަވެސް، ބްރޯޝިޔާ މަތިން ހަނދާނެއް ނުނެތޭނެ. އަހަންނަކީ އަބަދުވެސް ބްރޯޝިޔާއަށް ސަޕޯޓް ކުރާ މީހަކަށްވާނެ" ބެލިންހަމް ބުންޏެވެ.

ބެލިންހަމްއަކީ ދެވަނައަށް އެންމެ އަގުބޮޑުކޮށް ރެއާލްއަށް ގެނައި ކުޅުންތެރިޔާއެވެ. ރެއާލްގެ ތާރިހުގައި އެކްލަބުން ކުޅުންތެރިޔަކު ހޯދުމަށް އެންމެ ބޮޑު ހޭދައެއް ކުރީ 2019 ވަނަ އަހަރު ޗެލްސީއަށް ކުޅެމުންދިޔަ ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑް ގެނައުމަށެވެ. ރެއާލްއިން ހަޒާޑް ގެނައީ ޓްރާންސްފާ ފީގެ ގޮތުގައި 115 މިލިޔަން ޔޫރޯ ޗެލްސީއަށް ދެއްކުމަށްފަހުއެވެ.