ބެއިޖިންގ: ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަދު ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ބައްދަލުވުމުގައި ދެގައުމުގެ ސްޓްރެޓެޖިކް ޕާޓްނަޝިޕެއް ގާއިމްކޮށްފައިވާކަމަށް ޗައިނާ ސެންޓްރަލް ޓެލެވިޜަން (ސީސީޓީވީ) އިން ބުނެފި އެވެ.

"މިއަދު އަޅުގަނޑުމެން ގުޅިގެން އިއުލާންކޮށްފިން ޗައިނާއާއި ފަލަސްތީނުގެ ސްޓްރެޓެޖިކް ޕާޓްނަޝިޕެއް ގާއިމް ކުރެއްވިއްޖެކަން، އެއީ ދެގައުމުގެ ގުޅުންތަކުގެ ތާރީހުގައި މުހިންމު ކާމިޔާވީއަކަށް ވާނެ،" ޗައިނާގެ ރައީސް ޝީއާ ހަވާލާދެއްވައި ސީސީޓީވީން ބުނެފައިވެ އެވެ.

ޝިއާ ހަވާލާ ދެއްވައި ސީސީޓީވީއިން ބުނީ ފަލަސްތީނާއެކު އެކި ދާއިރާތަކުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށް ޗައިނާ ތައްޔާރަށް އޮތް ކަމަށެވެ.

"މެދުއިރުމައްޗަށް ޒަމާނީ ބަދަލުތަކާއި ދުނިޔެއަށް ކުރިމަތުވަމުން އަންނަ އައު ގޮންޖެހުންތަކާ ކުރިމަތިލައި، ފަލަސްތީނުގެ މައްސަލައަށް ހުރިހާ މާނައެއްގައި، އިންސާފުވެރި އަދި ދިގު މުއްދަތަކަށް ހައްލު ހޯދުމަށް ފަލަސްތީނާއެކު ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާއިން އޮތީ ތައްޔާރަށް" ޝީ ވިދާޅުވި ކަމަށް ސީސީޓީވީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ފަލަސްތީނުގެ ރައީސް އައްބާސް، ޗައިނާއަށް މިމަހުގެ 13 އިން 16 އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޝީގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެކެވެ.