ރާއްޖޭގައި މިއަދު ހަވީރު ފެށި ފައިވް ނޭޝަންސް ބާސްކެޓް ބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލުގެ މައްޗަށް 61-55 ޕޮއިންޓުން ކުރި ހޯދައި ބޫޓާނުން މޮޅަކުން މުބާރާތް ފަށައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ކުއާޓާ އާއި ދެވަނަ ކުއާޓާގައި ބޫޓާން ފެނުނީ ނޭޕާލަށްވުރެ ވަރުގަދަކޮށެވެ. ދެވަނަ ކުއާޓާ ނިމުނުއިރު ބޫޓާން އޮތީ 10 ޕޮއިންޓުގެ ލީޑެއްގައެވެ.
ބޫޓާނަށްވުރެ ބާސްކެޓުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަދި ދެކުނު އޭޝިޔާގައި ބޫޓާނަށްވުރެ ވަރުގަދަ ގައުމެއް ގޮތުގައި އޮތް ނޭޕާލުން ތިންވަނަ ކުއާޓާގައި ކުޅުން ރަނގަޅު ކުރިއެވެ. އަދި 5 ޕޮއިންޓަށް ފަރަގު ކުޑަވެސް ކުރިއެވެ. ހަތަރުވަނަ ކުއާޓާފައި ނޭޕާލުން ކުރި ހޯދާނެކަމަށް ބެލެވިފައި ވަނިކޮށް ބޫޓާނުގެ ޖިގްމޭ ޝެރިން އާއި ރިންޗެން ދޯޖީގެ މޮޅު ކުޅުމާއެކު ބޫޓާނުން ނޭޕާލްގެ މައްޗަށް ކުރި ހޯދައި މެޗް ނިންމާލިއެވެ.
ލީގް އުސޫލުން ކުޅޭ މިމުބާރާތުގައި މިރޭ 20:30 ގައި ބައްދަލު ކުރާނީ ރާއްޖެ އާއި ޕާކިސްތާނެއެވެ. މިމެޗުގެ ކުރިން މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.