ކޮންމެ މަންމައަކާއި ބައްޕައެއްގެވެސް އެންމެބޮޑު އުންމީދަކީ އެބައިމީހުންގެ ދަރިންނެވެ. އަދި އެދަރިންގެ ފުރިހަމަސިއްހަތާއި އުފާވެރި ހިނިތުންވުމާއެކު ދިރިއުޅެމުންދާ މަންޒަރަކީ އެބައިމީހުންގެ އެންމެ ބޮޑު ހިތްހަމަޖެހުންކަން ޔަގީނެވެ. ދަރިފުޅަކު ބައްޔެއް ވެއްޖެކަމުގައިވާނަމަ މައިމީހާގެ ލަނގޮޑި ފިތި އެއަޅާ ވޭނާއެކު ކުރާ ހޭހަންތަކާއި ބައްޕަގެ ރޭދުވާ ވަރުބަލިކަމަށް ނުބަލައި ބުރަމަސައްކަތުން އެދަރިފުޅު ސަލާމަތުން ފުރިހަމަ ސިއްހަތަށް ގެނައުމަށް ކުރާ ހިތްވަރަކީ ދުނިޔެ ދެކެމުންދާ ބޮޑު ހަގީގަތެއްކަން ޔަގީނެވެ.
މިއީ ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް ހަމައެެހެންމެ ކޮންމެ ބެލެނިވެރިއަކުމެ ދަރިންނަށްޓަކައި އުފުލާ ބުރައާއި ވޭނުގައިވެސް އޮންނަނީ އެންމެ އުފާވެރި އުންމީދަކާއި އިންތިޒާރެކެވެ. އާއެކެވެ. އެއީ ތިމާގެ މޭގެ އެތިކޮޅު އަވަހަށް ފުރިހަމަ ސިއްހަތެއްގައި އެވީ ބައްޔަކުން މިންޖުވެ ސަލާމަތްވުމަށް ކުރާ އުންމީދާއި އިންތިޒާރެވެ.
ކުޑަކުޑަ ލުހްޔާ މުހައްމަދު އިޝާން ގެ މަންމަ މަރިޔަމް އެވްލީން ވަހީދާއި ބައްޕަ މުހަައްމަދު އިޝާންގެވެސް އުންމީދަކީ އަވަސް ޝިފާއެއް، ފުރިހަމަ އެދެވޭ ފަރުވާއެއް ލުހްޔާއަށް ލިބި، ލުހްޔާއަށް ދުޅަހެޔޮސިއްހަތެއް މިންވަރުކުރެއްވުމެވެ. އެކަމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް އެދެމަފިރިން ކުރާތާ އެތައް އަހަރެއްވީއެވެ.
އުފެދުމުގައިވެސް ކޯޑަލްރިގްރެޝަން ސިންޑްރޯމްގެ ބަލިހުންނަ ލުހްޔާގެ މައިބަދައިގެ T9އާ ހަމައިން ތިރި ވަނީ ދުނިޔެއަށް އައި އިރުވެސް އުފެދުން ހުއްޓިފައެވެ. އެހެންނަމަވެސް ﷲތައާލާގެ މިންވަރުފުޅުން ލުހްޔާއަކީ ވިސްނުންތޫނު ހުށިޔާރު ކުއްޖެކެވެ. އަމިއްލަ ބަލި ކަމާއެކުވެސް ނުހަނު ހިތްވަރު ކުރާ ކުއްޖެއްކަން އެންމެ ފުރަތަމަ ލުހްޔާއާ ބައްދަލުވިވަގުތުވެސް ފާހަގަ ކުރެވުނެވެ.
" އައްސަލާމްއަލައިކުމް ވަރަހްމަތުﷲ،" ލުހްޔާއާ ބައްދަލުކުރުމަށް "ހަލި"ނޫހުން ދިޔަ ދުވަހު ފުރަތަމަ ފެނުމާއެކުވެސް އަދަބުވެރިކަމާއެކު ސަލާމް ގޮވާލީ ހިނިތުންވެފައި އިނދެއެވެ. ލުހްޔާގެ ބަސްތަކާއި ވާހަކަތަކާއި ހަރަކާތްތަކުގައި ވަނީ އުފާވެރިކަމެވެ.
ކޮއްކޮއަށް ގޮވައި ގެނެސް ބޮޑު ދައްތައެއް ފަދައިން ވާހަކަދެއްކިއިރު އެކުޑަކުޑަ ހައެއްކަ އަހަރުގެ ކުއްޖާއަކީ ކިހާބޮޑުވޭނެއް ތަހައްމަލު ކުރާ ކުއްޖެއްކަމެއް ފާހަގައެއް ނުކުރެވެއެވެ.
ބުރުގާ އަޅައިގެން ހުރި ފޮޓޯނޫން އެހެން ފޮޓޯ އެއްވެސް ގޮތަކަށް ބޭނުން ނުކުރުމަކީވެސް ލުހްޔާގެ މަންމައެކޭ އެއްގޮތަށް ލުހްޔާގެވެސް އެދުމެކެވެ. ބުރުގާ އެޅީވެސް ލުހްޔާ އަމިއްލައަށް ބޭނުން ވެގެން ބުނެގެން ކަމަށް ބުންޏެވެ. މިކަމުންވެސް ދޭހަވަނީ މިކުޑައަންހަންކުއްޖާގެ ސިކުނޑިއާއި ހިތުގެ ސީދާސާދާކަމާއި ތެދުވެރިސާބިތުކަމެވެ. ހަރުދަނާކަމާއި އަޒުމާއި ހިތްވަރެވެ.
އުފެދުމުގައިވެސް މައިބަދައިގެ T9އާ ހިސާބުން ތިރި އުފެދުން ހުއްޓިފައި ހުރުމުގެ ސަބަބުން ހިނގާބިނގާވެ ނޫޅެވޭ ލުހްޔާގެ ދެފަޔަކީ ދެއަތެވެ. ދެއަތް ބިންމަތީ ޖައްސައިގެން ދުވެފުމެ އުޅެވެން އޮތްވަރަކަށް ލުހްޔާ ހިތްވަރު ކުރެއެވެ. އަދި ކޮއްކޮއާއެކުގައި ކުޅެ ސަކަރާތްވެސް ޖަހައެވެ.
ކުޑަކަމުދިއުމާއި ބޮޑުކަމު ދިއުމުގެ ނިޒާމް އުފެދުމުގައި ނެތްކުއްޖަކަށް ވުމުން އުމުރުން ހަތްދުވަސްވެސް ނުވަނީސް ބޮޑުކަމުއަދި ކުޑަކަމު ދިއުމަށް ކުއްޖާގެ ފޫޅާ ދިމާލުން ތިރީގައި ވަނީ ލޯވަޅެއް ކަޑާފައެވެ.
އަދި އެތައް ފަހަރެއްގެ މަތިން އެތަން ބޮޑުކުރުމަށް އޮޕަރޭޝަންވެސް ވަނީ ކުރެވިފައެވެ. ގޮހޮރުން ނުކުމެފައި ހުންނަ ބަޔާއި އަދި ކުޑަކަމުދާ ލޯވަޅު ކައިރިން ވަރަށް ގިނަފަހަރު މަތިން އިންފެކްޓް ވުމަކީ ކުޑަކުޑަ ލުހްޔާގެ ފުރާނައަށްވެސް ހުރި ނުހަނުބޮޑުނުރައްކަލެއްމެއެވެ. އަދި މިހާރަކަށް އައިސް ކުޑަކަމު ދިޔުމަށް ފޫޅާ ދިމާއިން ތިރީގައި ކަނޑާފައި ހުރި ތަނުން ގޮތްނޭނގޭ ފެނެއް އަންނާތީ ތަކުރާރުކޮށް ޑޮކްޓަރުންނަށް ދެއްކުމުން ދިން އިރުޝާދަކީ ވީހާވެސް އަވަހަށް ފުރައިގެން ރާއްޖެއިން ބޭރަށް ދިޔުމަށެވެ.
"ފުރުން ވަރަށް ކައިރިވެފައި އޮތް އިރުވެސް އަދިވެސް މާބޮޑު އެހީއެއް ލިބިފައެއް ނެތް. ލުހްޔާގެ ހަގަށް ހުރި ކުއްޖާވެސް ގޮވައިގެންދާއިރު ދެކޮޅުގެ ޓިކެޓާއި ލުހްޔާގެ ބޭހަށް ލިބޭ ފައިސާއަކުން އަޅުގަނޑުމެން އެކޮޅަށް ގޮސް އުޅޭއިރުގެ އެހެނިހެން ހަރަދުތައް ކުރާނެ ގޮތެއް ނެތް. ކެއުމާއި ހުރުމުގެ ކަންތައް ކުރަން ޖެހޭނީ އަމިއްލައަށް، އަދި ހަމައެހެންމެ ލުހްޔާގެ ފަރުވާއަށްވެސް ބައެއްކަހަލަ ބޭސްތަކަށް ފައިސާ ހަރަދު ކުރަންޖެހޭނެ. ހުރިހާ ބޭހަކީ އާސަންދައިން ލިބެން ހުންނަ ބޭސްތަކެއް ނޫން. އަނެއްކޮޅުން ކުޑަކުޑަ ދެކުދިން ގޮވައިގެން އެކަނި ގޮސް އުޅުމަކީވެސް ފަސޭހަ ކަމެއް ނޫން...."
"އޮޕަރޭޝަން އާސަންދައިން ކުރެވުނަސް ޒަރޫރީ ބޭނުންތައް، ކެއުން، ނިދުން އަދި ހާއްސަކޮށް ލުހްޔާގެ ޑައިޕާސްއަކީވެސް އަޅުގަނޑުމެން ކުރަން ޖެހޭ ހަރަދުތައް."
ލުހްޔާގެ މަންމަ ކިޔައިދިނީ ހާލަތުގެ މަޖުބޫރީގެ ވާހަކައެވެ. ދަރިފުޅަށް އަވަސް ފަރުވާއެއް ލިބުމަކީ އެވްލީން ވަހީދުގެ އެންމެ މުހިންމު އަދި އެންމެ ހާއްސަ މަގްސަދެވެ. އުމުރަށް އަންނަ ބަދަލުތަކާއެކު ލުހްޔާއަށްވެސް އިތުރު ފަރުވާދޭން ވަނީ ޖެހިފައެވެ. އަދި މިހާރު ދިމާވެފައިވާ އިންފެކްޓް ވުމުގެ މައްސަލައިގެ ސަބަބުން ލުހްޔާގެ ފުރާނައަށް އެއްވެސް ގެއްލުމެއްވެދާނެތީ އެވްލީމާއި އިޝާންވެސް ނުހަނު ބޮޑަށް ކަންބޮޑުވެއެވެ.
"އަޅުގަނޑުމެންނަށް ކިތަންމެ ކުޑައެހީއެއް ވެދެއްވެން އޮތަސް ވެދިނުން އެދި އާދޭސްކުރަން، އަޅުގަނޑުމެން އެދެނީ ލުހްޔާގެ އޮޕަރޭޝަން ކުރުމަށް އެހީ. ލުހްޔާގެ ފަރުވާއަށްވުރެ އެއްވެސް އެހެންކަމެއް މުހިންމެއްނޫން، ޕްލީޒް، ލުހްޔާއަށް އެހީއެއް ވެދެއްވާ،"
މިމަންމައާއި ބައްޕަގެ އާދޭހުގެ އަޑު އައްސަވައި ވެވެން އޮތް ކޮންމެ ވަރެއްގެ އެހީއެއް ވެދިނުމަކީ ލުހްޔާގެ ފަރުވާއަށް ފަހިވެގެންދާނެ މަގުތަނަވަސް ވެގެންދާނެ ކަމެއްކަން ޔަގީނެވެ. ތާއަބަދުމެ ހިނިތުންވެފައި އިންނަ ލުހްޔާގެ ފުރާނައަށް އޮތް ނުރައްކަލުން ސަލާމަތްވުމަށް އޮތީ ހަމައެކަނި ރާއްޖެއިން ބޭރަށް ގޮސް އަވަހަށް ޑޮކްޓަރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ފަރުވާ ދިނުމެވެ.
ލުހްޔާއަށް އެހީވުމަށް އެދޭ ފަރާތްތަކުން ތިރީގައި މިވާ އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވުން އެދެމެވެ.
-
7715505470101 MVR ރުފިޔާ އެކައުންޓް - މަރިޔަމް އެވްލީން ވަހީދު
-
USD 7730000030936 ޑޮލަރު އެކައުންޓް.
-
އިތުރު މައުލޫމާތު ހޯއްދެވުމަށް: 7878226 ، މަރިޔަމް އެވްލީން ވަހީދު (ލުހްޔާ ގެ މަންމަ)