ޗައިނާގެ ބެއިޖިންގައި މިއަދު އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ ރަހްމަތްތެރި ކަމުގެ މެޗުން 2-0 އިން އާޖެންޓީނާ މޮޅުވިއިރު، ކެޕްޓަން ލިއޮނަލް މެސީ އޭނާގެ ކެރިޔަރުގެ އެންމެ އަވަސް ލަނޑު ޖަހައިފިއެވެ.

މެސީ ލަނޑު ޖެހީ 1 މިނެޓާއި 19 ވަނަ ސިކުންތުގައެވެ. އޮސްޓްރޭލިޔާގެ ޑިއޭރިޔާ ބޭރުން މެސީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ކަނާތްފަރާތު މަތީ ކަނަށެވެ. މިއީ މެސީގެ ކާމިޔާބު ފުޓްބޯޅަ ކެރިޔަރުގައި މިހާތަނަށް ޖެހި އެންމެ އަވަސް ލަނޑެވެ. އަނެއްކޮޅުން މިލަނޑާއެކު މެސީގެ ކެރިޔަރުގައި މިހާތަނަށް މެޗުގެ ފުރަތަމަ މިނެޓް ފިޔަވައި އެހެން ހުރިހާ މިނެޓެއްގައި ލަނޑު ޖެހުނީއެވެ.

ޔޫރަޕުގެ ފުޓްބޯޅަ ދޫކޮށް މިދިޔަ ހަފްތާގައި އެމެރިކާ މޭޖަރ ސޮކަރ ލީގުގެ އިންޓަ މިއާމީއަށް ބަދަލުވި މެސީ މިމެޗުގައި ފެނުނީ ވަރަށް ހަމަޖެހިގެން ކުޅެމުންދިޔަ މަންޒަރެވެ.

ޗައިނާގެ އެތައްހާސް ސަޕޯޓަރުން އާޖެންޓީނާގެ ޖާޒީގައި ދަނޑަށް ވަދެ އާޖެންޓީނާއަށް ތަރުހީބުދިން މިމެޗުގައި އާޖެންޓީނާގެ ދެވަނަ ލަނޑު ޖެހީ 68 ވަނަ މިނެޓުގައި ޖާމަން ޕަޒެއްލާއެވެ.

އާޖެންޓީނާއިން މިމެޗަށް ނިކުތީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވަރލްޑް ކަޕް ކާމިޔާބު ކުރި ޓީމުގެ ފުރަތަމަ އެގާރައިގައި ފޯވާޑް ހޫލިއަން އަލްވަރޭޒް ފިޔަވައި އާންމުކޮށް ކުޅުނު ހުރިހާ ކުޅުންތެރިން ހިމަނައިގެންނެވެ. ވަރލްޑް ކަޕުގައި އާޖެންޓީނާ ކުއާޓާއަށް ދަތުރު ކުރީ ދެވަނަ ބުރުގައި އޮސްޓްރޭލިޔާ ބަލިކުރުމަށްފަހުކަން ފާހަގަ ކޮށްލެވެއެވެ.

މިއީ ވަރލްޑް ކަޕް ކާމިޔާބު ކުރި ފަހުން އާޖެންޓީނާއިން ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ 3 ވަނަ މެޗެވެ. މިތިން މެޗުވެސް އެގައުމުން މިވަނީ ކާމިޔާބު ކޮށްފައެވެ.

އާޖެންޓީނާއިން އޭޝިޔާއަށް ކުރަމުން އަންނަ ދަތުރުގައި މިމަހުގެ 19 ވަނަ ދުވަހުވެސް މެޗެއް ކުޅޭނެއެވެ. މިމެޗް ކުޅޭނީ އިންޑޮނޭޝިޔާގައި އެގައުމާ ދެކޮޅަށެވެ.