ބްރަސެލްސް، ޖޫން 15: އެމެރިކާގައި އުފައްދާފައިވާ އެފް-16 މަތިންދާބޯޓުތައް ޔޫކްރޭނަށް ފޮނުވުމުގެ ޕްލޭންތައް ތަންފީޒުކުރުމާ ހުޅަނގުގެ ގައުމުތަކުން ދުރު ކަމަށާއި އެކަމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން މާކް މިލީ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

ޖެނަރަލް މިލީ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ޔޫކްރޭނަށް ހަތިޔާރު ޝިޕްމަންޓް ކޯޑިނޭޓްކުރާ ހުޅަނގުގެ ފަރާތްތަކާއެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެވެއްވަމުންނެވެ.

"އަޅުގަނޑުމެންނަށް މިއަދު ތަފާތު ގައުމުތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުނު. އަޅުގަނޑުމެން މިތިބީ [މި ޕްރޮގްރާމްގެ ޕްލޭނިން ޕްރޮސެސްގެ ކުރީކޮޅު]. އަޅުގަނޑަށް ހީވަނީ ލީޑް ނަގަން ފިޔަވަޅު އަޅާފައިވާ ބައެއް ގައުމުތަކުގެ ރަނގަޅުނިޔަތެއް އޮތްހެން. ނެދަލެންޑްސް އާއި ޑެންމާކް ފަދަ ގައުމުތައް ޝައުގުވެރިވޭ ޔޫކްރައިނަށް އެފް-16 މަތިންދާ ބޯޓް ފޯރުކޮށްދޭން. އެކަމަކު އެފް-16 ހަނގުރާމަ މަތީ މަތިންދާ ބޯޓް ނުވަތަ ހަނގުރާމައިގައި ބޭނުން ކުރެވޭނެފަދަ މަތިންދާ ބޯޓް ޔޫކްރައިނަށް ފޯރުކޮށްދެވޭނެ ސީދާ ތާރިހެއް ކަނޑައެޅިގެން ދަންނަވަން މިވަގުތު ނޭނގޭ" ޖެނެރަލް މިލީ ވިދާޅުވި އެވެ.

ޔޫކްރައިނުގެ ރައީސް ވްލޮޑިމީރް ޒެލެންސްކީ އެމެރިކާ އާއި ހުޅަނގުގެ ކިބައިން އެންމެ ބޮޑަށް އެދެމުން ދަނީ ރަޝިޔާއާ ކުރިމަތިލުމަށްޓަކައި ޔޫކްރައިން ސިފައިންނަށް އެފް-16 މަތިންދާ ބޯޓް ފޯރުކޮށްދިނުމަށެވެ. އެކަމަކު ރަޝިޔާއިން ހުޅަނގަށް އިންޒާރުކޮށްފައި ވަނީ އެފް-16 މަތިންދާ ބޯޓް ޔޫކްރައިނަށް ފޯރުކޮށްދީފިނަމަ އޭގެ ނަތީޖާ ހިތިވާނެ ކަމަށެވެ.