ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ، މެޗް ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ތަޖުރިބާކާރު ފޯވާޑް ހޮސެލޫ ކާމިޔާބު ކުރި ލަނޑުން 2-1 އިން އިޓަލީ ބަލިކޮށް ޔުއެފާ ނޭޝަންސް ލީގް ފައިނަލުން ސްޕެއިން ރޭ ޖާގަ ހޯދައިފިއެވެ.

ނެދަލޭންޑްސްގެ ޑި ގްރޮލްސްޗް ވެސްޓް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ސްޕެއިނުން ލީޑް ނެގީ މެޗުގެ 3 ވަނަ މިނެޓުގައި ޔެރެމީ ޕިނޯގެ ލަނޑުންނެވެ. އެކަމަކު ލިބުނު ޕެނަލްޓީއަކުން 11 ވަނަ މިނެޓުގައި ފޯވާޑް ޗީރޯ އިމޮބިލޭ އިޓަލީއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

އިޓަލީ އާއި ސްޕެއިނުގެ ފަރާތުންވެސް ވަރުގަދަ ފިޒިކަލް ގޭމެއް ފެނުނު މިމެޗުގައި ސްޕެއިނުން ވަނީ މެޗް ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ސްޕެއިނުން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ އިޓަލީގެ ކީޕަރު ޑޮއްނަރުއްމާއެވެ.

މިއީ ސްޕެއިނުން ނޭޝަންސް ލީގް ފައިނަލުން ޖާގަ ހޯދި ދެވަނަ ފަހަރެވެ. އެކަމަކު އެފަހަރު ފައިނަލުގައި މޮޅަށް ކުޅެ ފްރާންސް އަތުން ސްޕެއިން ބަލިވީއެވެ.

ނޭޝަންސް ލީގް ފައިނަލުގައި މިފަހަރު ސްޕެއިން ވާދަކުރަން ޖެހެނީ ނެދަލޭންޑްސް ބަލިކޮށް ފައިނަލުންް ޖާގަ ހޯދި ކޮރޮއޭޝިޔާއާއެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ، ރާއްޖޭ ގަޑިން ރޭގަނޑު 11:45 ގައެވެ.